ރާއްޖޭގައި މިހާރު ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވަނީ 3،000 ޓިކެޓްކަމަށް އެފްއޭއެމުން ބުނެފިއެވެ.
އެފްއޭއެމުން ބުނީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން މާދަމާ ފަށާނެ ކަމަށާއި އާންމުންނަށް ވިއްކަން ހަމަޖެހިފައިވަނީ 3،000 ޓިކެޓް ކަމަށާއި މީހަކަށް ގިނަވެގެން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ ޓިކެޓު ކަމަށެވެ.
މާދަމާ ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައި ޓިކެޓް ވިއްކަން ފަށާއިރު، ޓިކެޓު ވިއްކުމަށް ސޯޝަލް ސެންޓަރުގައި ތިން ޓިކެޓު ކައުންޓަރު އެފްއޭއެމުން ވަނީ ގާއިމުކޮށްފަ އެވެ. ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވަންނަން ބޭނުންވާ އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކުމަށް ކަނޑައަޅާފައިވާއިރު، އެ ޓިކެޓު ގަންނަންޖެހޭނީ ގަލޮޅު ދަނޑުން ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.
ކޮންމެ މީހަކަށްވެސް ދެ ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު، ޓިކެޓް ގަތުމަށް ދާކޮންމެ މީހެއްގެ އަތުގައި ވެސް ވެކްސިންކާޑާއި އައިޑީކާޑް އޮންނަން ޖެހޭނެ ކަމަށްވެސް އެފްއޭއެމުން ސަރުތުކުރެއެވެ.
މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗާއި ނޭޕާލާއި ބަނގްލަދޭޝް ބައްދަލުރާ މެޗެވެ.
ލީގު ބުރުގެ ފަހު ދެ މެޗު ބުދަ ދުވަހު ކުޅޭއިރު، މި ދެ މެޗުގެ ތެރެއިން ބުދަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރާ މެޗެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ.
މިހާރު ގުރޫޕު އޮތް ގޮތުން ނޭޕާލް އޮތީ ގުރޫޕުގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ރާއްޖެއެވެ. މި ދެޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލަށް ގުރޫޕުގެ ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނާގައި އިންޑިއާ އޮތް އިރު، ހަތަރުވަނާގައި އޮތީ ބަނގްލަދޭޝްއެވެ. ފަސްވަނާގައި އޮތީ ލަންކާއެވެ. ލަންކާ ވަނީ މުބާރާތުން ކަޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް