ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވުމުން ދައުލަތުން ދެމުންދާ ވަރުގަދަ ސެކިއުރިޓީއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ޖޯކު ޖައްސަވައިފި އެވެ.
ނަޝީދު ރާއްޖެ ވަޑައިގެންފަމިވަނީ މެއި ހައެއްގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިތާ ހަތަރު މަސް ފަހުންނެވެ. އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަނަށް ވަޑައިގެން ފަރުވާއަށް ފަހު މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައި އެވެ.
ނަޝީދު މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެންނެވި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވަމުން ދިޔައި އިރު ނަޝީދުގެ ކާރުކޮޅު ހުޅުލެއިން މާލޭގައި އެމަނިކުފާނު ހުންނަވާ ހޮޓެލް ޖެން އާއި ހިސާބަށް ވަޑައިގެންނެވީ މޮޓޯ ކޭޓާއި އެކު ސިފައިންނާއި ފުލުހުންގެ ވަރުގަދަ ސެކިއުރިޓީގައި އެވެ.
ކާރުކޮޅުގެ ކުރީގަ އާއި ފަހަތުގައި ފުލުހުންނާއި ސިފައިންގެ ވެހިކަލްތައް އޮތްއިރު އެ ކާރުކޮޅުގެ ދެ ފަރާތުން ކާރާއި އެއްވަރަށް ސިފައިން ދިޔައީ ދުވަމުންނެވެ.
މި ކަމަށް ޖޯކު ޖައްސަވައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިސްލީޑަރާއި ދެވަނަ ލީޑަރުގެ ސެކިއުރިޓީއަށް މަދީ ހެލިކޮޕްޓަރެއްގެ އިތުރުން ދެ ގެރިގާޑިޔާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސުންނަކީ ފުރިހަމަ ހިމާޔަތް ލިބެންޖެހޭނެ ބައެއް ކަން މިހާރު އެމްޑީޕީއަށްވެސް ގަބޫލު ކުރެވޭނެ ކަމަށެވެ.
https://twitter.com/IbrahimShujaau/status/1447526635515699208
އޭނާ ވިދާޅުވީ މިއަދު ފެނުނު މަންޒަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތީ ކަންކަން ވަރުގަދަ އޭރު ކޮށްފައިވަނީ ނުރައްކާ އޮތީމަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ރަށްރަށަށް ވަޑައިގެންނަވާއިރު ޗެކް ގޭޓް ބެހެއްޓީމަ އޭރު ޖޯކު ޖެހީ އެމްޑީޕީންކަމަށެވެ.
ޝުޖާއުގެ އިތުރުން ނަޝީދަށް ދެމުންދާ އާދަޔާ ހިލާފު ވަރުގަދަ ސެކިއުރިޓީގެ ސަބަބުން ގިނަ އާންމުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ޖޯކު ޖަހަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް