މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއު މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެންނެވެ.
ހޮޓެލްގެ ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަދަލުގެނެސް އަލުން އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.
އެއްބަސްވުމަށް ގެނައި ބަދަލާއި އެކު 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައގީ ކުރާނެ އެވެ. އަދި މިހާރު ތާރު ނާޅާ އޮތް ބޮޑުތަކުރުފާނު މަގުގެ ބާކީ ބަޔާއި އެކު 16 މަގެއްގައި ތާރު އަޅާނެ އެވެ.
މީގެ އިތުރުން ނޯތު ހާބާރު ސަރަހައްދުގެ ތޮށިގަނޑު ފެއަށް ޖައްސާއި ބޭރު މަގު ފުޅާކުރުން ހިމެނެ އެވެ.
އަލަށް ގެނައި ބަދަލާއި އެކު މި މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަން ޖެހެ އެވެ. އަދި އަވަހަށް މަޝްރޫއު ނިންމުމަށް ގިނަ މަގުތަކެއް އެއްފަހަރާ ބަންދު ކުރަން ޖެހޭނެ ކަމަށް ކައުންސިލާއި އާރުޑީސީން ބުނެ އެވެ.
ކުރީގެ އެއްބަސްވުމުގައި އޮތީ މަގުތައް އަލުން ހަދާއިރު، ހުރިހާ މަގެއްގައި ވެސް އަލުން ގާ އަތުރައިގެން ހެދުމަށެވެ. އަދި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އަށް ވެސް މި މަޝްރޫއުގެ ދަށުން ހައްލެއް ލިބޭނެ އެވެ.
މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށްޓަކައި އާރްޑީސީއާ ހަވާލުކުރީ 462 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް