އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ 7 ފެބްރުއަރީ 2012ގައި ބަޢާވާތްކުރި ކަމަށް ތުހުމަތުކޮށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގަ ބުނެފަިއވަނީ ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފުލުސް އޮފީހުގެ މައި މަރުކަޒުގައި “ބަޣާވާތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް” ރައްޔިތުންނަށް އިމްރާން ގޮވާލަމުން ގެންދާ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވަމުންދާ ކަމަށެވެ.
މި މައްސަލަ ބޭރުކޮށްލީ ހާދިސާ ހިނގި އިރު އިމްރާނަކީ ދައުލަތުގެ މުއައްސަސާއެއްގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެ އޮފީހުގެ އިހްތިސާސްގެ ތެރެއަށް އެ މައްސަލަ ނުވަންނަ ކަމަށް ބުނެއެވެ.
ނަޝީދުގެ ވެރިކަން “ބަޣާވާތަކުން ވައްޓާލުމުގައި” އިމްރާން ބައިވެރިވެފައިވާ މިންވަރު ބަލައި އޭނާއަށް ހައްގު އަދަބު ދިނުމަށް ވެސް ބޮންޑެ ހުށަހެޅުއްވި މައްސަލާގައި ލިޔުއްވާފައިވެއެވެ. އެ ވީޑިއޯ ވެސް ބޮންޑެ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ޚިއްސާ ކުރައްވައިފައެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ފުރަތަމަ މި ގާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018 ގެ ނިޔަލަށް، ގަނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމެވެ.
އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް