މީރާއަށް ސެޕްޓެމްބަރ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް

ސެޕްޓެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ. މީރާ އިން ބުނީ އިންކަމް ޓެކ...

11 Oct 2021 | 06:59

ސެޕްޓެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާ އިން ބުނީ އިންކަމް ޓެކްސްގެ ގޮތުގައި 745.00 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީން ކަމަށާއި އެގޮތުން 553.11 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާ އިން ވަނީ ބުނެފަ އެވެ.

މީރާ އިން ބުނީ މިދިޔަ ސެޕްޓެންބަރު މަހު މީރާއަށް 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށާއި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %133.5 އިތުރު އަދަދެއއް ކަމަށެވެ. އަދި، ސެޕްޓެމްބަރ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %8.6 އިތުރު އަދަދެއް ކަމަށެވެ.

މީގެ އިތުރުން ސެޕްޓެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ސެޕްޓެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެގޮތުން 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލައިގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވެސް ސެޕްޓެމްބަރ 2021 އަށް ފަސްކޮށްފައިވާތީ މިއީ ވެސް އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމުގައި މީރާއިން ފާހަގަކުރެ އެވެ.

ސެޕްޓެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް