ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެތިކްސްގައި ހިފެހެއްޓެވުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި

ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެތިކްސްގައި ހިފެހެއްޓެވުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިކަމަށް އިލްތިމާސް ކުރެއްވީ ވިލާ ކޮލ...

11 Oct 2021 | 06:07

ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެތިކްސްގައި ހިފެހެއްޓެވުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިކަމަށް އިލްތިމާސް ކުރެއްވީ ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވިލާ ކޮލެޖުގެ ހޯލުގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެ ޚިދުމަތްދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، އޭގެ ސްޓޭންޑަރޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދި ވަޑައިގެންފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމަނާ ވަނީ ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޤާއިމުކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އެކަމަނާ ވަނީ ކޯޑް އޮފް އެތިކްސް ޤާއިމުވެ އެއަށް ޢަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް މި ޙަފްލާގައި އަލިއަޅުއްވާލައްވާފައެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގައިވެސް ނަފްސާނީ ބަލިމަޑުކަން ތަޙައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިކަމަށް ޙައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އިޙްސާންތެރިވުމުގެ ސިފައަށަގެންނެވުމަށް އެކަމަނާ ބާރުއެޅުއްވެވިއެވެ. އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް މި ޙަފްލާގައި އެކަމަނާ އަލިއަޅުއްވާލެއްވެވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެކޮލެޖުގައި ޤާއިމުކުރުމުން އެކަމަށް ތަޢުރީފުކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ކޮލެޖުގެ ސްޓްރޭޓިޖިކް ޕްރަޔަރަޓީއަކަށް ނަފްސާނީ ދުޅަހެޔޮކަންވެ ކޮލެޖުގެ މުސްތަޤްބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް އެކަމަނާ އެދިވަޑައިގަންނަވާކަމަށާ، އަދި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ލީޑިންގ ކޮލެޖަށް ވިލާ ކޮލެޖު ވެގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ ފަރާތްތަކަށާއި، މުޖުތަމަޢުގެ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް