މޮޅު ކުޅުމަކާއެކު ސްޕެއިން ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ފްރާންސް އިން ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިލާންގެ ސަންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ މައްޗަށް ފްރާންސް އިން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެ ހާފުގައި ވެސް ފްރާންސް އިން ނުރައްކާތެރި ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްއަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި ކަރީމް ބެންޒެމާ ޕޯލް ޕޮގްބާ އަދި އެންޓޮނިން ގްރީޒްމަންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ސްޕެއިންގެ ކީޕަރު އުނައި ސިމޮންއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުންވެސް ވަނީ ފްރާންސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ދައްކާ މެޗުގެ ލީޑު ހޯދުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ސްޕެއިނުން ލަނޑުޖަހާ މެޗުގެ ލީޑުނެގިއެވެ. ސާޖިއޯ ބުސްކެޓް ދިން ބޯޅައަކުން ސްޕެއިނުން ލީޑު ނެގި މި ލަނޑު ކާމިޔާބު ކޮށްދިނީ މިކޭލް އޮޔަޒަބަލް އުގާޓޭއެވެ.
ސްޕެއިނުން ލަނޑުޖަހާ މެޗުގެ ލީޑުނެގިތާ ދެ މިނެޓު ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ފްރާންސަށް ޖަހައިދިނީ އެމްބާޕޭގެ އެހީތެރި ކަމާއި އެކު ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ފްރާންސްއިން މެޗުގެ ލީޑުނަގާ މޮޅުވި ލަނޑު ޖެހިއިރު، މި ލަނޑު ފްރާންސްއަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީލިއަން އެމްބާޕޭއެވެ. މި ލަނޑު އެމްބާޕޭ ކާމިޔާބު ކުރީ ތެއޯ ހެނާންޑޭޒްގެ އެހީތެރިކަމާއި އެކުގައެވެ.
މިއީ ފްރާންސް އިން ހަތަރު އަހަރު ތެރޭ ކާމިޔާބުކުރި ދެވަނަ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެވެ. މީގެ ކުރިން ފްރާންސް އިން ފީފާ ވޯލްޑްކަޕް 2018 ކާމިޔާބުކުރީ ފައިނަލުގައި ކްރޮއޭޝިއާ ބަލިކޮށްގެންނެވެ. ފްރާންސް އިން ކާމިޔާބުކުރި ޔޫއެފާ ނޭޝަންސް ލީގަކީ މީގެ ތިން އަހަރު ކުރިން، 2018 ވަނަ އަހަރު ޔޫރަޕްގެ ގައުމުތަކަށް ހާއްސަކޮށްގެން ޔޫއެފާ އިން ތައާރަފުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މީގެކުރިން ހޯދާފައިވަނީ ޕޯޗްގަލްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް