ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އޮފިސަރުންނަށް ފިޔަވަޅު އަޅައިފި

ދިވެހި ފުލުހުންގެ އޮފިސަރުންތަކެއް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އޮފިސަރުންނަށް ފިޔަވަޅު އަޅައިފި އެވެ. އެގޮތުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަ...

10 Oct 2021 | 19:00

ދިވެހި ފުލުހުންގެ އޮފިސަރުންތަކެއް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އޮފިސަރުންނަށް ފިޔަވަޅު އަޅައިފި އެވެ.

އެގޮތުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ މިއަދު އެވެ.

އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހަތް އޮފިސަރަކު ވަކިކުރަން ބޯޑުން ލަފާ ދީފައިވާ އިރު، އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ހަވާލުކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ވަނީ މަގާމުން ވަކިކުރެއްވީ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ކޯޓުގައި ފަސް އޮފިސަރަކު ތަމްސީލްކުރައްވަނީ ދިވެހި ޗެމްބަރސްގެ ލޯޔަރުން ނެވެ.

މިކަމާއިގުޅިގެން އެ ލޯ ފާރމުން ބުނެފައިވަނީ ދެ އޮފިސަރުން ވަކިކުރުމުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމުގެ އިޖުއާތު ފެށިކަމުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމަކު މި ނޯޓިސް ފޮނުވީ ތުހުމަތުކުރާ މައްސަަލަތަކުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ކަަމަށް ވަކީލް މިރޭ ވެސް ވިދާޅުވި އެވެ.

މި އޮފިސަރުންގެ އިތުރުން ދެން ނޯޓިސް ހަވާލުކުރީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ.

އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ބަޔާންކޮށްފަ އެވެ.

ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް