މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މާރާމާރީތަކާއި ސިޔާސީ ކަމަކާއި ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިހާރު ހިނގަމުންދާ މާރާމާރީތަކާއި ސިޔާސީ ކަންކަމާއި ގުޅުވައިގެން ބައެއް މީހުން ވާހަކަ ދައްކަމުންދާ ކަމަށެވެ. އެކަމަކު އެކަމުގައި ސިޔާސީ އެއްވެސް މީހަކު ބައިވެރިވެ، ނުވަތަ އެ މީހުން އަންގައިގެން މާރާމާރީތައް ނުހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ މާރާމާރީތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން މިހާ ހިސާބަށް ބެލިބެލުމުން މިކަންކަމަކީ ސިޔާސީ އެއްވެސް މީހަކު ބައިވެރި ނުވާ ކަމަށް. އަދި އެއީ އެ މީހުން އަންގައިގެން ކުރާ ކަމެއްކަން ވެސް ފާހަގަވެފައެއް ނުވޭ. އެހެންވެ، މިއީ ހަގީގަތާ ހިލާފު ވާހަކައެއް،" ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ، އެކި އަހަރުތަކުގައި ހިންގާފައިވާ ސިޔާސީ އެކި ކަންކަމުގެ ސަބަބުން މަގުމަތި ހަލަބޮލި ކުރަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އެގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު، 2012 އާއި 2013 ވަނަ އަހަރު ހިނގާފައިވާ ސިޔާސީ ކަންކަމުގެ ސަބަބުން މަގުމަތީގައި މާރާމާރީތައް ހިންގާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި ފަހަކުން ހިންގާފައިވާ މާރާމާރީތަކާއި ގުޅޭގޮތުން ޝިފާން ވިދާޅުވީ މައްސަލަތަކާއި ގުޅުން ހުރި 32 މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން 17 މީހަކު އަދިވެސް ފުލުހުންގެ ބަންދުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް