ސުޕްރީމް ކޯޓުގައި އެދިފައިވަނީ އިންތިހާބު ބާތިލު ކޮށްދިނުމަށް

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގަ އެދިފައިވަނީ މިދިޔަ މަހު ބޭއްވި ރިޔާސި އިންތިހާބު ބާތިލު ކޮށްދިނުމަށެވެ. މި މައްސަލަ ރައީސް ޔާމީންގެ ގާނޫ...

11 Oct 2018 | 08:05

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގަ އެދިފައިވަނީ މިދިޔަ މަހު ބޭއްވި ރިޔާސި އިންތިހާބު ބާތިލު ކޮށްދިނުމަށެވެ.

މި މައްސަލަ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ރޭ އެ ކޯޓުން ވަނީ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމާފައި އެވެ. އަދި މިއަދު ހެނދުނު 9:45 ގައި އިބްތިދާއި އަޑުއެހުން ކުރިޔަށް ގެންގޮސްފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ކޯޓުން ވަނީ އެ މައްސަލައިގަ ލިޔުމުން ޖަބާބުދާރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ދީފައި އެވެ. އެ ފުރުސަތު ދީފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 11:00 ގެ ނިޔަލަށެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ މުހައްމަދު ސަލީމް (ރޭނިސް) އިއްޔެ ވިދާޅުވީ އެ މައްސަލަ ވެއްދީ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ހެކިތަކަކާ އެކުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބާއި ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕިއެމްގެ ސަޕޯޓަރުން ހުށަހަޅާފައވާ ކަމަށެވެ. އިންތިޚާބާ ގުޅޭ މައްސަލަ ކޯޓަށް ވައްދަން ރައީސް ޔާމީން ނިންމެވީ އެ މައްސަލަތަކަށް ބައްލަވާފައި ކަމަށް ސަލީމް ވިދާޅުވި އެވެ.

އިންތިހާބު އޮޅުވާލި ކަމަށްބުނެ މައްސަލަ ހުށަހެޅި އިރު އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ ތަކުރާރުކޮށް ބެލި އިރުވެސް ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ ޝަކުވާއެއް ނުވަތަ ގޯހެއް ނެތް ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވީ 34 ހާހަށްވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް