ގޯތި ދޭން އުޅެނީ ވަކިބަޔަކަށް: ހައުސިންގެ މުވައްޒަފުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ހަމަޖައްސާފައިވާ 400 ގޯތި ވިއްކަން އުޅެނީ ވަކި ބަޔަކަށް ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް އެންޓީ ކޮރަޕްޝަން ކޮމިޝަން (...

11 Oct 2018 | 07:50

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ހަމަޖައްސާފައިވާ 400 ގޯތި ވިއްކަން އުޅެނީ ވަކި ބަޔަކަށް ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީ ފޮނުވިކަން އޭސީސީން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ. އެ ސިޓީގައި ބުނެފައިވާގޮތުގައި ގޯތު ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީ ތެރެއިން ކުރިޔަށް ގެންދަން މަސައްކަތް ކުރަނީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށެވެ.

އެގޮތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ދެ ވަނަ ފަހަރަށް އިއުލާން ކުރިއިރު ވަކި ބަޔަކަށް ފުރުސަތު ދޭން ޝަރުތުތަކަށް ބަދަލު ގެނެސްފައި ވުން ހިމެނެ އެވެ. މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ނުވި ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވާން ހުށަހަޅާ ފަރާތްތަކަށް ވަގުތީ ލިޔުމެއްދީ އެ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި ވުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

އަދި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނައިން، ދަފްތަރުގައި ރަޖިސްޓްރީވާން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަން ކުރާ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން ހިމެނޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ގޯތި ދޫކުރުމުގެ ގުރުއަތުލާ ގޮތަށް ހަމަޖައްސާފައި ވަނީ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ވަކި ބަޔަކަށް ގޯތި ހޯދައިދޭން ކަން ވަނީ ޔަގީން ކުރެވިފަ އެވެ. ގޯތި ލިބޭ މީހުންގެ ލިސްޓެއް މިނިސްޓްރީގެ ސިޔާސީ ބޭފުޅުން ގެންގުޅުއްވާއިރު އެ ލިސްޓުގައި ގިނަ އަދަދަކަށް ޕީޕީއެމްގެ އެކްޓިވިސްޓުން ހިމެނޭ ކަމަށާއި އޭގެތެރެއިން ގިނަ މީހުން ދަފްތަރުގައި ޖެހުނީ ރިޔާސީ އިންތިހާބުގެ ފަހުން ކަމަށް ވެސް މުވައްޒަފުންގެ ސިޓީގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް