ހައުސިން މިނިސްޓްރީން އިއުލާނު ކޮށްގެން ފޯމު ބަލައިގެންނަމުންދާ ހުޅުމާލެއިން 400 ގޯތި ވިއްކުމުގެ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ބަންޑާރަނައިބް އޮފީހުގެ ކުރީގެ ސްޓޭޓް އެޓާނީ މަރިޔަމް ޝުނާނާ އެވެ. އޭނާ މައްސަލަ ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވަނީ ގޯއްޗަށް އެދުމަށް ފޯމް ބަލައިގަންނަން ނިންމާފައިވާ އުސޫލަކީ ގާނޫނުއަސާސީއާއި އުސޫލުތަކާ ހިލާފަށް ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް ބައެއް ހައްގުން މަހުރޫމްވާ ގޮތަށް ކަނޑައަޅާފައިވާ އުސޫލެއް ކަމަށެވެ. އަދި އެތައް ބައެއްގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު މަންފާ ނަގައި، އެކަށީގެންވާ ވަރަށް ވުރެ ބޮޑު ތަކުލީފެއް މީހުން އުފުލަންޖެހޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.
ގޯއްޗަށް އެދުމަށް ޝަރުތު ހަމަވާ ހުރިހާ އެންމެނަށް އެ ފުރުސަތު ހަމަހަމަކަމާއެކު ލިބޭނެ ގޮތަށް އެކަށީގެންވާ މުއްދަތަކަށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވަނީ ޝުނާނާ ހުށަހެޅުއްވި މައްސަލައިގަ އެދިފަ އެވެ. ހަމަ އެއާއެކު ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ފޯމްތައް އިވެލުއޭޓްކޮށްފައި ނޫނީ، ގުރުއަތުލުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށްވެސް އެ ދައުވާގައި އެދިފައިވެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ 400 ގޯތި ވިއްކަން ނިންމާފައިވަނީ ނުއަގުގައި ކަމަށް ބުނެ އޭސީސީން އެ މައްސަލަ ބެލި އެވެ. އެކަމަކު ފަހުން ބުނެފައިވަނީ މިހާރުއ ޮތް އުސޫލުގެ ބަދަލުގައި އާ އުސޫލެއް އެކުލަވާލައިގެން ގޯތި ވިއްކުމުގެ ހުއްދަ ދޭކަމަށެވެ.
އެކަމަކު އެއާ ހިލާފަށް އެކަން ކުރާތީ އޭސީސީން މިއަދު ވަނީ ކޯޓަށް ގޮސްގެން ގޯތި ވިއްކުން ހުއްޓުވަން ޖެހިދާނެ ކަމަށް ބުނެ އިންޒާރުދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް