ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރި އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުންނަށް ރިޝްވަތުދޭން އުޅުނު ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ ކުންފުނީގެ އިސްވެރިއަކު މިއަދު މީޑިއާގައި ވިދާޅުވީ މުވައްޒަފުންނަށް ބިރުދައްކައި ރިޝްވަތުދޭން މަސައްކަތް ކުރީ މިހާރު ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގަ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ހެކިބަސް ދިނުމަށެވެ. އެގޮތުން ވޯޓު ކަރުދާހުގައި މައްސަލަ ހުންނާނެ ކަމަށް ކޯޓުގައި ހެކިބަސް ދިނުމަށް އެ ކުންފުނީގެ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނަށް ގުޅައި ބިރު ދައްކަމުން ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ އެމީހުން ގުޅަމުންދަނީ ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާހެންކަމަށެވެ. އެއީ ދެކެވޭ ވާހަކަތައް ކަމަށް މުވައްޒަފުން ބުނާގޮތުން ސީދާ ޕްރިންޓު ކުރުމުގައި އުޅުނު މުވައްޒަފުން ގުޅާ މީހުންނަށް ނޭނގޭކަން އެނގޭ ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ އަދި ބިދޭސީ މުވައްޒަފުންނަށް ހަތަރު ލައްކަ ޑޮލަރު ދަނީ ހުށަހަޅަމުން ކަމަށް ވިދާޅުވެފައިވެ އެވެ.
އެ މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެހެންވެ އަވަހަށް މައްސަލަ ފުލުހުންނަށް ހުށަހެޅީ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް