މާލެއާއި އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަ ކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުހުން މިހެން ބުނެފައިވަނީ ރާއްޖޭގައި މާރާމާރީ އިތުރުވެ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަތަރު މީހަކު ޒަހަމްކޮށްލައި ރޭގައި ކުޑަކުއްޖަކު މަރާލާފައިވާއިރު އެކަންކަމާއި ބެހޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
" 2018އޮކްޓޯބަރު 10 ވަނަ ދުވަހުގެ ރޭ 02:00 ހާއިރު މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީގައި ޒަހަމްވި 14 އަހަރުގެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. އެ މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކުރަމެވެ. އަދި މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވައި އާއިލާއަށް ލިބުނު މިފުން ހިތާމައިގައި ފުލުހުންގެ މުއައްސަސާއިން ބައިވެރިވާ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މާރާމާރީގެ މި މައްސަލައާއި، މާލެއާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީގެ މައްސަލަތައްވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި ހަމައެއާއެކު ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ވާހަކަވެސް ދަންނަވާކަމަށެވެ. އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެއާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި މިހާރު ވަނީ ހައްޔަރު ކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ އަމަލު ހިންގައި މިފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށާއި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާޙަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް