ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން އެ ބޭންކުން މިރޭ ހަފްލާއެއް ބާއްވައިފިއެވެ. އެ ހަފްލާފައި އެ މުވައްޒަފުންނަށް އެވޯޑް ދީފައިވެއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ޚާއްސަ ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.
ޖުމްލަ 37 މުވައްޒަފަކަށް މި އެވޯޑު ލިބިގެން ދިޔައިރު، 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ފާތިމަތު ރަޝީދާ ، ހެޑް އޮފް އިންޓަރނަލް އޮޑިޓް އަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން ބޭންކަށް 30 އަހަރު ޚިދުމަތްކޮށްދީފައިވާތީ އާމިނަތު ނަސީރު، ޑެޕިއުޓީ ސީނިއަރ އޮފިސަރ، އާމިނަތު ހަސަން، އިންޓަރނަލް އޮޑިޓް މެނޭޖަރ އަދި ޙުސައިން ރަޝީދު، ކްލަސްޓަރ ބްރާންޗް މެނޭޖަރ އަށް ވަނީ އެވޯޑް ދީފައެވެ.
އެވޯޑް ލިބުނު ފަރާތްތަކާ މުޚާތަބްކޮށް ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ އެތައް އަހަރެއްވަންދެން އެ ބޭފުޅުން ދައްކަވާފައިވާ ހީވާގިކަމަށާއި މަސައްކަތްތަށް ބަހައްޓަވާ ފަރުވާތެރިކަމަށްޓަކައި އެއިން ކޮންމެ ބޭފުޅަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
"ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން. މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބަލަނީ ވެސް ހަމަ ތިޔަ ބޭފުޅުން. ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށް ޝުކުރު ދަންނަވަން." އެންޑްރޫ ވިދާޅުވިއެވެ.
ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ 2015 ވަނަ އަހަރުގައެވެ. އެހަފްލާގައި ކޮންމެ އަހަރަކު އެއްފަހަރު މިފަދަ ހަފްލާއެއް ބާއްވާ، ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ބޭންކުންވަނީ ނިންމާފައެވެ. ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މިއަހަރު ކުރީކޮޅު ބީއެމްއެލްއިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް