އެޑިއުކޭޝަން މިނިސްޓްރީގެ ވަފްދެއް ބ އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކަށް ޒިޔާރަތް ކޮށްފި އެވެ.
މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބ. އަތޮޅުގެ ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީގެ ވަފްދުން ކުރެއްވި ދަތުރު ކާމިޔާބުކަމާއި އެކު ނިންމާލާފައިވާއިރު ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އިސްމާއިލް އަލީ އިސްކޮށް ހުންނަވާ މި ވަފްދުގައި މިނިސްޓްރީގެ ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.
މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަތަރު ދުވަހުގެ މުއްދަތައް ފެށްޓެވި މިދަތުރުގައި މި ވަފްދުން ބ. އަތޮޅުގެ 13 ރަށަށް ޒިޔާރަތްކުރައްވާފައި ވާކަމަށާއި މި ދަތުރު ގައި މިދިޔަ ބުދަ ދުވަހު ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާއަށް ޒިޔާރަތްކުރައްވާފައިވާ އިރު، ބުރާސްފަތި ދުވަހު ވަނީ ކުޑަރިކިލު ސްކޫލަށާއި، ކަމަދޫ ސްކޫލަށް އަދި ކިހާދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައި ވާކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.
" ހުކުރު ދުވަހު ދޮންފަނު ސްކޫލަށާއި، މާޅޮހު ސްކޫލަށާއި، ކެންދޫ ސްކޫލަށް އަދި އޭދަފުށީ ގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައި ވާ އިރު، އިއްޔެ ޒިޔާރަތްކުރެއްވީ ހިތާދޫ ސްކޫލަށާއި، ތުޅާދޫ ސްކޫލަށާއި، ގޮއިދޫ ސްކޫލަށާއި، ފުޅަދޫ ސްކޫލަށް އަދި ފެހެންދޫ ސްކޫލަށް، މި ދަތުރުފުޅުގައި އެވަފްދުން ވަނީ ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ސްކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމިޓީ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވާފައި، އަދި ކޮންމެ ރަށެއްގެ ޕްރީ ސްކޫލްތަކަށް ވަކިވަކިން ޒިޔާރަތްކުރައްވާ ޕްރީ ސްކޫލް ޓީޗަރުންނާއި، ބެލެނިވެރިންނާއި ވެސް ބައްދަލުކުރެއްވި" އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ބައްދަލުކުރެއްވުންތަކުގައި ވަފްދުން މި ސަރުކާރުން ގެންގުޅުއްވާ ތައުލީމީ ސިޔާސަތުގެ މައުލޫމާތު އެފަރާތްތަކާ ހިއްސާކުރެއްވި އެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ.
"ހަމަ އެއާއި އެކު، ސްކޫލުތަކުގެ ކިޔެވުން އިތުރަށް ރަގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކޮށް ވާހަކަދެއްކެވި، އަދި ސްކޫލުތަކަށް ދިމާވެފައިވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެކަންތައްތައް ރަނގަޅު ކުރެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވި، އަދި ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ދަރިވަރުންނާއި ބެލެނިވެރިންނަށް މި ދަތުރުގައި މައުލޫމާތު ފޯރުކޮށްދީފައި ވާ އިރު، ލައިފް ސްކިލްސް އާއި ބެހޭ މައުލޫމާތު ޓީޗަރުންނަށް ހިއްސާކުރެއްވި" މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސްކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ފޯރުކޮށްދީފައި ވާކަމަށާއި އެޑިޔުކޭޝަން މިނިސްޓްރީގެ ވަފްދުން ބ. އަތޮޅުގެ ސްކޫލްތަކަށް ކުރެއްވި މި ދަތުރަކީ ރާއްޖޭގެ ސްކޫލުތަކުގެ ހާލަތު ބައްލަވާލެއްވުމަށާއި، މިސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅު ތަކުގެ ތެރެއި ދަތުރެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް