އެމްއެންޕީ ހިންގާ ކޮމިޓީގެ ގިނަ މެމްބަރުން ބޭނުމީ ޕީޕީއެމް/ޕީއެންސީއާ ގުޅެން

މޯލްޑިވްސް އްނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހިންގާ ކޮމިޓީގެ ގިނަ މެމްބަރުން ބޭނުމީ ޕީޕީއެމް/ޕީއެންސީއާ ގުޅެން ކަމަށް އެ ޕާޓީން ބުނެފިއެވެ. އެމްއެންޕީއިން މިރޭ ވަނީ އެ ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެ...

11 Sep 2023 | 18:57

މޯލްޑިވްސް އްނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހިންގާ ކޮމިޓީގެ ގިނަ މެމްބަރުން ބޭނުމީ ޕީޕީއެމް/ޕީއެންސީއާ ގުޅެން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީއިން މިރޭ ވަނީ އެ ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާމެދު މެމްބަރުން ވަނީ ވޯޓު ލާފައެވެ.

އެ ޕާޓީން ބުނީ، ކޯލިޝަން ހެދުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ފާޅު ކޮށްފައިވާ ކަމަށެވެ. އެގޮތުން ގިނަ މެމްބަރުން ބުނެފައި ވަނީ، ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ނަމަވެސް ކޯލިޝަން ހަދާނެ ޕާޓީއެއް ނިންމާނީ އެކްސްކޯ މީޓިން އަކަށްފަހުގައި ކަމަށް އެ ޕާޓީން ބުނެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އީސީން އިއުލާނު ކޮށްފައި ވާއިރު، ފުރަތަމަ ބުރުގައި 46 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެ ދެބޭފުޅުންނެވެ.

ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 7 އިންސައްތައެވެ.

އިންތިހާބުގައި ދެން ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ2.4 އިންސައްތައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް2.8 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވީ1.3 އިންސައްތައެވެ. އަދި މުހައްމަދު ނާޒިމަށް0.86 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ހަސަން ޒަމީލަށް ލިބިވަޑައިގެންނެވީ0.15  އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް