ޕާކިސްތާނުގެ އިރުމަތީ ޕަންޖާބު ޕްރޮވިންސްގެ ވެރިރަށް ލާހޯރުން އިތުރު މީހެއްގެ ގައިން ވައިލްޑް ޕޯލިއޯ ވައިރަސް ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މިއީ ލާހޯރުން މިއަހަރު ޕޯލިއޯ އަށް ޕޮޒިޓިވްވި ހަތަރު ވަނަ މީހާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ލާހޯރުން ޕޯލިއޯ އަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ އަފްޣާނިސްތާނުގައި ފެތުރެމުންދާ ބަލިތަކުގެ ކްލަސްޓާއަކާ ޖެނެޓިކަލީ ގުޅުން ހުރި މީހުން ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެގޮތުން މިއަހަރު އެގައުމުގެ ހެލްތު މިނިސްޓްރީން 1700 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓުކޮށްފައިވާއިރު އޭގެ ތެރެއިން 22 ސާމްޕަލް ނުވަތަ ގާތްގަނޑަކަށް 1 އިންސައްތަ ސާމްޕަލްގައި ވައިލްޑް ޕޯލިއޯ ވައިރަސް ތަޣައްޔަރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ މިހާތަނަށް ދެ ކުއްޖަކު ޕޯލިއޯ ވައިރަހުގެ ސަބަބުން ޕެރަލައިޒްވެފައިވާ ކަމަށާއި މި ދެ ކޭސްވެސް ރިޕޯޓްކޮށްފައިވަނީ ހުޅަނގު އުތުރު ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ދެކުނުގެ ޑިސްޓްރިކްޓެއް ކަމަށްވާ ބަންނޫއިން ކަމަށެވެ.
ލާހޯރުގައި ޕޯލިއޯ ވެކްސިން ކެމްޕޭނެއް ކުރިއަށްދާ އިރު، މި ކެމްޕޭން އަންނަ އާދީއްތަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުންޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް