ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.
ސިޓީގެ ސައްހަކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއްވައެވެ. އެގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ސިޓީ ލީކުވިގޮތެއް ބަލަމުން އަންނަ ކަމަށެވެ.
ޓްވިޓާގައި އެ ސިޓީ ލީކުކޮށްލާފައިވާއިރު އޭގައި ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރާއި ގުޅޭގޮތުން އދ. ގައި ދެން ނަގާ ވޯޓެއްގައި ރާއްޖެއިން މޮރިޝަސް އާއި ދެކޮޅަށް ވޯޓު ދޭނެ ކަމަށެވެ. އަދި ރާއްޖެއިން އެގޮތަށް ނިންމަނީ ކޮލަނައިޒޭޝަނަށް ތާއީދު ނުކުރާތީ ކަމުގައިވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މޮރިޝަސްގެ ބޮޑުވަޒީރު ރާއްޖެ ޒިޔާރަތް ކުރެއްވުމަށް ރައީސް ސޯލިހް މޮރިޝަސް ބޮޑުވަޒީރަށް ދައުވަތު ދެއްވާފައިވެއެވެ.
މި ސިޓީ ލީކުވެފައިވާއިރު ކަނޑުންބައެއް ދޫކޮށްލަން އެ ސިޓީ މެދުވެރިކޮށް ސަރުކާރުން އެއްބަސްވާކަމަށް ދޭހަވާފަދަ މޭރުމަކުން އިދިކޮޅުން ވާހަކަދައްކަމުން ގޮސްފައިވެއެވެ. އަދި އެ ސިޓީ އާންމުކުރަން ނުކެރެނީ އެފަދަ ވާހަކަތަކެއް އެ ސިޓީގައި އޮތީތީ ކަމުގައިވެސް އިދިކޮޅުން ބުނަމުންދިޔައެވެ.
އެހެންނަމަވެސް އޭރުވެސް ސަރުކާރުން ބުނަމުންދިޔައީ އެފަދަ ވާހަކައެއް ސިޓީގައި ނޯންނާނެ ކަމަށާއި އެހެންނަމަވެސް ދެ ގައުމެއްގެ މެދުގައި ބަދަލުކުރެވޭ މިފަދަ ލިޔެކިޔުންތައް އާންމު ކުރުމަކީ އުސޫލާ ހިލާފު އަދި ކުރުން ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް