މަރާލިޔަސް އެމްޑީޕީ ސަފުން ނޫނީ ނުފެންނާނެ: މޫކޭ

ފުރަތަމަ ބުރުން ކުރި ލިބިގެން ޕީޕީއެމް ގެ ފަރާތުން ލިބެމުންދާ އިންޒާރުތަކާއި ދައްކާ ބިރުން އެމީހުންގެ ވެރިކަމުގެ މިސްރާބު ކިތަންމެ ރީތިކޮށް އެބަ ހާމަވާ ކަމަށާއި، މަރާލިޔަސް އެމްޑީޕީ ގެ ސަފުން ނޫނީ ނުފ...

11 Sep 2023 | 10:05

ފުރަތަމަ ބުރުން ކުރި ލިބިގެން ޕީޕީއެމް ގެ ފަރާތުން ލިބެމުންދާ އިންޒާރުތަކާއި ދައްކާ ބިރުން އެމީހުންގެ ވެރިކަމުގެ މިސްރާބު ކިތަންމެ ރީތިކޮށް އެބަ ހާމަވާ ކަމަށާއި، މަރާލިޔަސް އެމްޑީޕީ ގެ ސަފުން ނޫނީ ނުފެންނާނެ ކަމަށް އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެެއެވެ.

މޫކެ މިހެން ވިދާޅުވީ، ވާދަވެރި ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފައި ވަނިކޮށެވެ.

މޫކޭ ވިދާޅުވީ އެމްޑީޕީ މެމްބަރުން ބިރަކަށް ނުސިހޭނެ ކަމަށާއި ނުވެސް ފިލާނެ ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އީސީން އިއުލާނު ކޮށްފައި ވާއިރު، ފުރަތަމަ ބުރުގައި 46 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެ ދެބޭފުޅުންނެވެ.

ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 7 އިންސައްތައެވެ.

އިންތިހާބުގައި ދެން ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ2.4 އިންސައްތައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް2.8 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވީ1.3 އިންސައްތައެވެ. އަދި މުހައްމަދު ނާޒިމަށް0.86 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ހަސަން ޒަމީލަށް ލިބިވަޑައިގެންނެވީ0.15  އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް