މާރިޔާގެ "ސަލަފް ތަސްބީހަ" އިތުރުކުރަން ފެނޭ: އަލީ ރަމީޒް

މާރިޔާ ދީދީގެ 'ސަލަފް ތަސްބީހަ' އިތުރުކުރަން ފެންނަ ކަމަށް އަލީ ރަމީޒް ބުނެފިއެވެ. އަލީ މިހެން ބުނެފައި ވަނީ، އިންތިހާބުގެ ކުރިން އެމްޑީޕީއިން ސިލްސިލާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސ...

11 Sep 2023 | 09:24

މާރިޔާ ދީދީގެ 'ސަލަފް ތަސްބީހަ' އިތުރުކުރަން ފެންނަ ކަމަށް އަލީ ރަމީޒް ބުނެފިއެވެ.

އަލީ މިހެން ބުނެފައި ވަނީ، އިންތިހާބުގެ ކުރިން އެމްޑީޕީއިން ސިލްސިލާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީއާ ސަލަފް ގުޅުވައިގެން ތަކުރާރުކޮށް ވާހަކަ ދައްކާފައި ވާތީއެވެ.

މާރިޔާ ނުކުމެ 'ސަލަފް ސަލަފް ސަލަފް' ކިޔައިގެން ޑރ. މުހައްމަދު މުއިއްޒުއަށް ލިބުނު ވޯޓު ވީ އިތުރު ކަމަށް ބުނެ އަހުމަދު އަޒާން ކުރި ޓުވީޓެއް ރީޓުވީޓު ކުރަމުން އަލީ ބުނީ އަދިވެސް ތަސްބީހައެއް ފަދައިން އެހެން ކިޔުއްވަންވީ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުން ތަކުގައި މާރިޔާ ވިދާޅުވެފައި ވަނީ، ޑރ. މުއިއްޒުއަކީ ޕީއެންސީ/ސަލަފް ގެ ކެނޑިޑޭޓް ކަމަށެވެ.

https://dhuvas.mv/244454

މުއިއްޒުއަށް ނިސްބަތްކޮށް ‘ޕީއެންސީ/ސަލަފް’ ގެ ކެނޑިޑޭޓްކަމަށް މާރިޔާ ވިދާޅުވާތީ، އެކަމާ ގުޅިގެން ‘ދުވަސް’އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި ސަލަފް ބޭނުންވަނީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ.

” ހެޑްލައިނެއް އަޅުގަނޑަށް ފެނުނު، އަޅުގަނޑު އެހެން ބުނި ކަމަށްޓަކާ އަލީ ރަމީޒް ރަތަށް އަރާވަޑައިގެންފިއޭ. އަންހެނެއް ވީމަ ކަންނޭނގެ، އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނެ، އަޅުގަނޑު ވަކި އެއްޗެއް ދަންނަވަނީކީ ނޫން އެއްވެސް ބޭފުޅަކަށް، އެހާ މީހަކު ރުޅިގަދަވެގެން އުޅެންވީ” މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވެއްޖެ ނަމަ ސަލަފް ޖަމިއްޔާގެ މެމްބަރުން ކޯފާވާ ކަމަށެވެ.

ގޭގެއަށް ވަޑައިގެން އާއްމުންނާ ބައްދަލު ކުރައްވާއިރުވެސް،މުއިއްޒުއަކީ ޔާމީނު ނޫން ކަމަށާއި، އެއީ ޕީޕީއެމް ކެނޑިޑޭޓް ނޫން ކަމަށް އާއްމުން ބުނާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުއިއްޒުއަކީ ޕީއެންސީ/ސަލަފްގެ ކެނޑިޑޭޓޭ ބުނަނީވެސް ރައްޔިތުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ނަމަވެސް ރަސްމީ ސިފައެއްގައި ޕީއެންސީއާ ސަލަފް ކޯލިޝަން ހެދިކަމަށް އިއުލާނު ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް