"އުޑުގަޖެހިފަ ބިމުގައި ޖެހޭވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް އަދި ނުވޭ": މަހުލޫފް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވަނައިގައި އޮވެ ޕީއެންސީއިން ދެވަނަ ބުރަށް ދިއުމާއެކު ސަޕޯޓަރުން އުފާ ފާޅުކުރަން ފެށުމާއެކު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެކަމަށް ރައްދު ދެއްވައިފިއެވެ. ...

11 Sep 2023 | 08:12

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވަނައިގައި އޮވެ ޕީއެންސީއިން ދެވަނަ ބުރަށް ދިއުމާއެކު ސަޕޯޓަރުން އުފާ ފާޅުކުރަން ފެށުމާއެކު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެކަމަށް ރައްދު ދެއްވައިފިއެވެ.

މަހުލޫފް ވިދާޅުވީ، ބައެއް ރަށްރަށުގެ އެމްޑީޕީ ހަރުގެ ދޮށަށް އެއްވެ އަދި ސޯޝަލް މީޑިއާގައި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް މަލާމާތާއި ފުރައްސާރަކުރާ ހިސާބަށް ދިޔައީ އަދި މާއަވަހަށް ކަމަށެވެ.

"އުޑުގަޖެހިފަ ބިމުގައި ޖެހޭވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް އަދި ނުވޭ." މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ، އެމްޑީޕީ އެނބުރި އަންނާނީ މާގަދަކޮށް ކަމަށެވެ. އަދި މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ. ޕާޓީގެ މެމްބަރުންނަށް މަހުލޫފް ގޮވާލީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިނުލާ، ބަދަހިކޮށް ތިބެ އިތުރު މަސައްކަތް ކުރުމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އީސީން އިއުލާނު ކޮށްފައި ވާއިރު، ފުރަތަމަ ބުރުގައި 46 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެ ދެބޭފުޅުންނެވެ.

ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 7 އިންސައްތައެވެ.

އިންތިހާބުގައި ދެން ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ2.4 އިންސައްތައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް2.8 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވީ1.3 އިންސައްތައެވެ. އަދި މުހައްމަދު ނާޒިމަށް0.86 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ހަސަން ޒަމީލަށް ލިބިވަޑައިގެންނެވީ0.15  އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް