ރިޔާސީ އިންރިހާބުގެ ދެވަނަ ބުރަށް ރީ-ރެޖިސްޓަރ ކުރުން އޮންނާނީ ހޮނިހިރު އަދި އާދީއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރީ-ރެޖިސްޓަރވުން އޮންނާނީ މި މަހުގެ16 އަދި17 ވަނަ ދުވަހު ކަމަށެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހު 30 ވަނަ ދުވަހުއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ މިހާރު އިއުލާނު ކޮށްފައި ވާއިރު، ވީހާވެސް އަވަހަކަށް ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އީސީން ބުނެއެވެ.
ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ، ގާތްގަނޑަކަށް 79.6 ގައ ކަމަށް އީސީން ބުނެފައި ވެއެވެ.
މިހާރު ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ފުރަތަމަ ބުރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރިއެވެ.
އޭގެ ތެރެއިން ދެވަނަ ބުރަށް ގޮސްފައި ވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް