ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ރައްޔިތުން އެވަނީ ނިންމާފަ، ދެން އިސްތިއުފާ ދެއްވާ: ޝިޔާމް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ރައްޔިތުން އެވަނީ ނިންމާފައި ކަމަށާއި ރައްޔިތުން އެދެނީ ދެވަނަ ބުރަކަށް ނުގޮސް އިސްތިއުފާ ދެއްވުން ކަމުގައި ނައިފަރު ދާ...

11 Sep 2023 | 05:05

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ރައްޔިތުން އެވަނީ ނިންމާފައި ކަމަށާއި ރައްޔިތުން އެދެނީ ދެވަނަ ބުރަކަށް ނުގޮސް އިސްތިއުފާ ދެއްވުން ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ އެޖެންޑާ ކުރެވި އެމައްސަލަ ކުރިއަށްގެންދާނެ ގޮތަކާއިމެދު މަޖިލީހުގައި މިއަދު މަޝްވަރާ ކުރެވެމުންދާއިރު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސަށް ތުހުމަތުކޮށް މައްސަލަ ހުށަހެޅުއްވީވެސް އެބޭފުޅުންފަކަމަށާއި އަދި މިހާރު މައްސަލަ އަނބުރާ ގެންދަން އުޅޭއިރު ހުރިހާ ކަމެއް ރަނގަޅުވީތޯ ހިތަށް އަރާ ކަމަށެވެ.

"ރަނގަޅުވެއްޖެއްޔާ ރަނގަޅުވިކަންވެސް އެބޭފުޅުން އެބަޖެހޭ ހާމަކުރަން، މި ސިޔާސީ ބޭނުމަކަށް ކުރަންވާވަރު ކަންކަމެއް ނޫން މި ހުންނަނީކީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް ނައިބު ރައީސުން ވަކި ކުރުމަކީ މީ ސިޔާސީ ބޭނުމަށްކުރާވަރަށްވުރެ މާ ޒިންމާދާރުކަމާއެކީގަ ކުރަންޖެހޭ މަސައްކަތެއް" ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ 38 އިންސައްތަ އިންކަމްބަންޓް ރައީސަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަމަށާއި ރައީސްކަން ކުރެއްވި ގޮތް ކަމުނުދާ ކަމަށް ނިންމާފައިކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރެއްވުމަށްވެސް ރައްޔިތުން އެދޭކަން އެވަނީ ހާމަކޮށްފައިކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މިހާރު މައްސަލަ އަނބުރާ ގެންދަން މަސައްކަތްކުރާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާއި ހިލާފަށް ކަމެއް ކުރެއްވިކަމަށް އަމިއްލަފުޅަށް އިއުތިރާފުވުންކަމަށެވެ. ޝިޔާމް އިޝާރާތް ކުރެއްވީ ކަނޑު ވިއްކާލި މައްސަލައަށެވެ. އަދި ރައީސް އިސްތިއުފާ ދެއްވުމަށް ޝިޔާމް ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް