މޯލްޑިވިއަންގެ ފްލީޓުނ އެއާބަސް A321 ގެ ބޯޓެއް އަނބުރާ ހަވާލުކުރަނީ އެގްރީމެންޓްގައިވާ މުއްދަތު ހަމަވާތީ ކަމަށާއި އެއާބަސްގެ އައު ބޯޓެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމުގައި މޯލްޑިވިއަން އިން ބުނެފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓްގައިވާ އެއް އެއާބަސްގެ ލީޒްޑް އެގްރީމަންޓްގެ މުއްދަތު އަންނަ އަހަރުގެ މާރިޗް މަހަށް ހަމަވާއިރު އެ ބޯޓު އަނބުރާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ސީޒަންތަކަށް އެހާ އެކަށޭނެ ހާލަތެއްގައި އޮތް ބޯޓެއް ނޫންކަމުގައިވެސް ޖެނިފާ ފާހަގަކުރެއްވިއެވެ.
"ސީދާ މުއްދަތު ހަމަވާ ދުވަހަކު ނޫން ދެއްތޯ ހަވާލުކުރުމުގެ މަސައްކަތް ފަށާނީ، ދުރާލާ ތައްޔާރުވަމުންމިދަނީ އެ ބޯޓު ހަވާލުކުރުމަށް" ޖެނިފާ ވިދާޅުވިއެވެ.
ގެއެއް ކުއްޔަށް ހިފުމަށްފަހު ގެ ދޫކޮށްލާ ވެރިފަރާތާއި ހަވާލުކުރުމުގެ ކުރިން އެ ގެއެއް ރީއްޗަށް ކުލަލައި މަރާމާތެއް އޮތިއްޔާ ކޮށްލާ ބީދައިން އެ ފްލައިޓްވެސް އަނބުރާ ހަވާލުކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމުގައި ވިދާޅުވިއެވެ.
"ބަރާބަރަށް ޕޭމަންޓްސް ދައްކަމުން ގޮސްފައިވަނީ، އެއްވެސް ޑީފޯލްޓެއް ވެފަ ނުވާނެ، އެއްވެސް ހާލަތެއްގައި ފައިސާ ނުދެއްކޭތީ ދޫކޮށްލަނީކީ ނޫން" ޖެނިފާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއާބަސް A321 މަރުކާގެ އާ ބޯޓެއް ގެނައުމުގެ މަސައްކަތް މިހާރު މޯލްޑިވިއަން އިން ފަށާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް