ހިޔާ ޓަވަރެއްގައި ކުރި ޒުވާބެއްގައި އަންހެނަކު ހުރިހާ ބަދިގޭ ސާމާނެއް މަގުމައްޗަށް އުކައިފި

ހިޔާ ޓަވަރު ހަތަރެއްގެ އެޕާޓްމެންޓެއްގައި ހިނގި ޒުވާބެއްގައި އަންހެނަކު، ގޭގައި ގެންގުޅޭ ބަދިގޭ ސާމާނު މަގު މައްޗަށް އުކައިފި އެވެ. އެމީހާ ތަކެތި އުކީ އެޓަވަރުގެ 17 ވަނަ ފަންގިފިލާގެ އެޕާޓްމެންޓަކުންނ...

11 Sep 2022 | 10:37

ހިޔާ ޓަވަރު ހަތަރެއްގެ އެޕާޓްމެންޓެއްގައި ހިނގި ޒުވާބެއްގައި އަންހެނަކު، ގޭގައި ގެންގުޅޭ ބަދިގޭ ސާމާނު މަގު މައްޗަށް އުކައިފި އެވެ.

އެމީހާ ތަކެތި އުކީ އެޓަވަރުގެ 17 ވަނަ ފަންގިފިލާގެ އެޕާޓްމެންޓަކުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ހުށަހެޅީ 12:53 ގައި ކަމަށެވެ. މި ހާދިސާގައި ޓަވަރު ތިރީގައި ޕާކް ކޮށްފައި ހުރި ވެހިކަލް ތަކަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންވެސް ހުންނަނީ އެ ޓަވަރުގައި އެވެ.

މަންޒަރު ދުށް މީހުން "ދުވަސް" އަށް ބުނީ ތެއްޔާއި ވަޅިއާއި ޑަބިޔާ އަދި ގަސް ޕޮޓުވެސް އުކި ކަމަށެވެ. އެތަކެތި އުކީ އަންހެނެއް ކަމަށާއި ހާދިސާ ހިނގި ފަހުން ތިރިއަށް ފިރިހެނަކުވެސް އައިސް އުޅުނު ކަމަށެވެ.

މަންޒަރުދުށް މީހުން ވަނީ ހާދިސާ އާއި ގުޅުން ހުރި މީހާ ފުލުހުންނާއި އެކު ދަނިކޮށް ފެނުނު ކަމަށް ބުނެފަ އެވެ. އެކަމަކު މި މައްސަލައިގަ މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ މީހަކާއި ސުވާލު ކުރި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

އެމީހާ ބުނީ ބިއްލޫރި އެއްޗެހިވެސް އުކި ކަމަށެވެ. އެ ބިއްލޫރިތައް ޓަވަރު ހަތަރެއްގެ އަނެއްފަރާތުގައި ހުންނަ ޓަވަރު ހަތެއްގެ ޕޭވްމަންޓުގައިވެސް ހުއްޓެވެ.

މިހާދިސާގައި އެމީހާ އުކި ސާމާނު ފުލުހުން ވަނީ އެޗްޑީސީ މުވައްޒަފުންނާއި ގުޅިގެން ނަގާފަ އެވެ. އަދި މިހާރު ކުރަމުން ދަނީ ފުނޑުފުނޑުވެފައިވާ ބިއްލޫރިތައް މަގުމަތިން ނެގުމުގެ މަސައްކަތެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް