ޤައުމަށް ޚިދުމަތް ކުރުމަށް އެހެންމީހަކު ތިބާއަށް ދައުވަތު ދޭނެކަމަށް ދެކިގެން މަޑުކުރުމަކީ ބުއްދިވެރިގޮތެއްނޫން ކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް ގެ ކުރީގެ އިންފޮމޭޝަން އޮފިސަރ އަދި ރިޓެއަރޑް މޭޖަރ އިބްރާހިމް އާޒިމް މިހެން ވިދާޅުވީ ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އާޒިމް ވިދާޅުވެފައިވަނީ ޤައުމަށް ޚިދުމަތް ފޯރުކޮށްދޭނެ ދާއިރާއެއް އިނގެނީ ތިބާއަށް ކަމަށާއި ޚިދުމަތް ކުރުމުގެ ފުރުޞަތު ހޯދުމަށް ފަސްޖެހިގެން ވެސް ނުވާނެ ކަމަށެވެ. އަދި ޤައުމަށް ޚިދުމަތް ކުރުމަށް "މަތީފާހެއް" އޮންނާކަށް ވެސް ނުޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ޤައުމެއް ކުރިއަރާ ތަރައްޤީވާނީ ހުރިހާ ފަންތިއެއްގެ މީހުންގެ ބައިވެރިވުމާއި އެކުގައި ކަމަށާއި ތިބާގެ އަތުގައި އޮތް މަތީ ފާހަކީ ތިބާގެ މަތިވެރި އަޚުލާޤު ކަމަށެވެ. އަދި ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަން ކަމަށެވެ.
އެހެންކަމުން ލިބިފައިވާ އިލްމަކާއި ހުނަރެއް ކުރިއަރުވަން ފަސްނުޖެހުމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މިޤައުމަކީ ތިބާގެ ވެސް ޤައުމު ކަމަށާއި މި ޤައުމަށް ހުރިހާ ގޮތަކުން ވެސް ހެޔޮއެދެނީ މިޤައުމުގެ ރައްޔިތުން ކަމަށެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ ގެ މަގާމުން އިބްރާހިމް އާޒިމް ވަކިކުރައްވާފައިވަނީ 11 އޯގަސްޓް 2021 ގައެވެ. އެ މަގާމުގައި އާޒިމް ހުންނެވިއިރު، ފާހަގަކުރެވުނީ މީޑިއާ އާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. އަދި މީޑިއާ އަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމުގައި ވަރަށް އަވަދި އުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ.
އާޒިމް އެމްއެންޑީއެފް ގައި 34 އަހަރާއި 2 މަހާއި 12 ދުވަހު، އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ފަހު، މަގާމުން ރިޓެއަރ ކުރައްވާފައިވަނީ 1 ޖުލައި 2022 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް