ވާހަކަ: މަންޒިލް ތިޔޭ – ތިރީސް ފަސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "ރީތިކޮށް ބުނެގެން ނުދަންޏާ އަހަރެންނަށް އެނގޭ ބާރުގެ ބޭނުން ކުރަން.. " މިހެން ބުނެ އާރަވް ކުއްލި ހަރަކާތަކާއެކު ދުއާގެ އަތުގައި ހިފެހެއްޓިއެވެ. ތާރާއާއި ދުއާ ދޫކޮށްލާށޭ ބުނަމު...

11 Sep 2022 | 06:29

ކުރީގެ އަދަދާއި ގުޅޭ...

"ރީތިކޮށް ބުނެގެން ނުދަންޏާ އަހަރެންނަށް އެނގޭ ބާރުގެ ބޭނުން ކުރަން.. " މިހެން ބުނެ އާރަވް ކުއްލި ހަރަކާތަކާއެކު ދުއާގެ އަތުގައި ހިފެހެއްޓިއެވެ. ތާރާއާއި ދުއާ ދޫކޮށްލާށޭ ބުނަމުން ދިޔައިރުވެސް އެއަޑެއް ނާހާ އާރަވް ދުއާ ގޮވައިގެން ގޮސް ހަމަދްގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ.

އެހެން މީހަކަށް އިވިދާނެތީ މާ ބާރަށް ދޮރުގައި ޖަހާކަށް ތާރާއަށް ނުކެރުނެވެ. އެހެންނަމަވެސް އޭނާ އާރާވްއަށް ގޮވަމުން ދިޔައެވެ. ދޮރު ހުޅުވަން ބުނެއެވެ.

ހީކުރި ގޮތާ ހިލާފަށް ދުއާ ގަދަ ނުހެދީތީ އާރަވް ހައިރާންވިއެވެ. ދޮރުގައި ތަޅުލުމާއެކު ދުއާ މަޑުމަޑުން ހިނގާލާފައި އައިސް ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓުނެވެ. އޭނާގެ ޙަރަކާތްތަކަށް ބަލަން ހުރެވުނީ ދުއާގެ ފުށުން ރުޅީގެ އެއްވެސް އަސަރެއް ނުފެންނާތީއެވެ. ދެއަތް އުރާލުމަށްފަހު ދުއާ އާރަވްއަށް ބަލައިލިއެވެ.

" ކިހިނެއްވީ؟ ދައްކަން އުޅުނު ވާހަކަ ހަނދާން ނެތުނީތަ؟ " ދުއާ ބުނެލިއެވެ.

" މިތަނަށް ގަދަކަމުން ވެއްދީމަ ރުޅިއެއް ނާދޭތަ؟ " އާރަވް އެހިއެވެ.

" ރުޅިއައިމަ ވާނެ ފައިދާ އެއް އެބައޮތްތަ؟ އާރަވް ބޭނުންވާ ގޮތަކަށް ބޭނުންކަމެއް ކުރާނެ.. ނޫންތަ؟ ތިކުރާ ކަންތައްތަކުގެ ސަބަބުން ނިކުންނާނެ ނަތީޖާއާ މެދު އާރަވް ކަންބޮޑެއް ނުވާނެ.. އެއީ އެކަމުން އާރަވްއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެތީ.. ހުރިހާވެސް ދެރައެއް ލިބޭނީ އަހަރެންނަށް.. ކުރެވެން އުޅޭ ކައިވެނި ހުއްޓި ކާފައާއި ދުންޔާ މަންމަ އަދި ލޫކަންގެ ކުރިމަތީގައި ވެއްޓޭނީ އަހަރެންގެ އަގު... އަހަރެންގެ އާއިލާގަ ތިބި މަދު މީހުންކޮޅު ނަފްރަތު ކުރާނީ އަހަރެންނަށް.. އެކަނިވެރިކަމެއް ލިބޭނީ އަހަރެންނަށް.. އެކަމުން އާރަވްއަށް ކޮންކަމެއް ދޯ..؟ " މަލާމާތުގެ ރާގަކަށް ބުނި ނަމަވެސް ދުއާގެ އަޑުގައި ރިހުމެއްވިއެވެ. ކުށްވެރި ކަމުގެ އިހުސާސް ކުރެވި އާރަވް އިސްޖަހާލައިފިއެވެ.

" އަހަރެން ކީކޭ ބުނީއޭ ތާރާ ކައިރީ... ފައިދާ ނެގީއޭ؟؟؟ އަހަރެން އެފަދަ ދަށް ފެންވަރުގެ ވާހަކައެއް ދައްކަފާނެކަމަށް އާރަވް ހަމަ ޤަބޫލު ކުރީތަ؟ ނޭނގުމުގައިވެސް ކުށް ކުރެވުނީ އަހަރެންނަށް ކަން ހަނދާނެއް ނުނެތޭ.. އެކަމަކު އޭގެ މާނައެއް ނޫން ޤަސްދުގައި އަހަރެން އެހާ ދަށު ދަރަޖައެއްގެ ވާހަކަ ދައްކާނޭ... އެހެންނޫނަސް ފުރަތަމަ އަހަރެންނޭ ކިޔައިގެން ތާރާ ކައިރީގައި ދެއްކި ވާހަކައެއް ދެއްކީ އާރަވް.. ތާރާ ދެއްކި ވާހަކަތަކުން އަހަރެންނަށް އޮޅުމެއްގެ ތެރޭގައި ކިޔައިދެވުނީ އެރޭގައި ހިނގި ކަންތައް.. ދެން ތާރާ ގޮސް ކޮންމެ ގޮތަކަށް އެވާހަކަ ދެއްކި ނަމަވެސް އެކަމުގައި އަހަރެން ކުރާނެ ކަމެއް ނެތް.." ދުއާ ބުންޏެވެ. އިސްޖަހާލައިގެން އެހުރި ގޮތަށް އާރަވް ހުރީއެވެ. ޖަޒުބާތުގައި ޖެހި ދުއާ އާ މެދު ކަންތައް ކުރެވުނު ގޮތަކުން ނަޒަރު ސީދާ ކުރާކަށް އޭނާއަށް ނުކުރެނުނެވެ. އާރަވް ބަހެއް ބުނޭތޯ އިރުކޮޅަކު ދުއާ ހުރުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. އޭރުވެސް ތާރާ ގޮވާ އަޑު އިވެމުން ދިޔައެވެ.

" ދައްކާނެ އިތުރު ވާހަކައެއް ނެތިއްޔާ އަހަރެން މިތަނުން ދިޔަދީ.. މިރޭ މީ ތާރާއަށް ވަރަށް މުހިންމު ރެއެއް.." ދުއާ ބުންޏެވެ. އެހިނދު އާރަވް މަޑުމަޑުން ދޮރުމަތިން އެއްކައިރިއަށް ޖެހިލިއެވެ. އާރަވްގެ އެ ޙަރަކާތުން އެބުނީ ކީކޭކަން ވިސްނި ދުއާ ދޮރާ ދިމާލަށް ހިނގައިގަތެވެ. އާރަވްއާ އަރާ ހަމަވުމަށްފަހު ދުއާ އޭނާއަށް ބަލައިލިއެވެ. އިސްޖެހިފައިވާ އާރަވް ފެނި ދުއާއަށް ހިންދިރުވައިލެވުނީ ހިތަށް ކުރި އަސަރަކުންނެވެ. ކިތަންމެ ބޭނުންވިޔަސް ހަޤީޤަތް ހާމަކޮށްފިނަމަ އެތައް ބައެއްގެ ހަޔާތް ބަރުބާދުވެގެން ދާނެއެވެ. ހުރިހާ އެންމެންގެ އުފަލާ ހަމަޖެހުމަށްޓަކައި އޭނާ ޖެހޭނީ އެއިހުސާސްތައް ހިތުގެ އެންމެ އަޑީގައި ފޮރުވާލާށެވެ. ތަޅުގައި ހިފައިލި ވަގުތު އާރަވް ގޮވައިލި އަޑަށް ދުއާ ބަލައިލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން އާރަވް ދުއާއަށް ބަލައިލި ހިނދު ދުއާ އަވަސް އަވަހަށް ދުރަށް ނަޒަރު ހުއްޓާލިއެވެ. އެންމެ ހިނދުކޮޅަކުވެސް އެދެލޮލަށް ބަލަހައްޓައިގެން ހުރެފިނަމަ އޭނާ ބޭޒާރު ވެދާނެތީއެވެ.

" އެންމެ ފަހު ފަހަރަށް އަހަރެންނާ ބައްދަލު ކޮށްލެވިދާނެތަ؟ އެފަހުން ދެން ދުވަހަކުވެސް އަހަރެން ދުއާ އަށް އުނދަގުލެއް ނުކުރާނަން.. " އާރަވް ބުންޏެވެ.

" އަހަރެން ވިސްނާނަން... " މިހެން ބުނުމަށްފަހު ދުއާ ދޮރު ހުޅުވާލާފައި ނިކުތެވެ. އެއާއެކު ތާރާ ކަންބޮޑުވެފައިވާ ސުވާލުތައް ކުރަން ފެށިއެވެ. ތާރާ އާރަވްއާ ޒުވާބުކުރަން ދާން އުޅުމުން ދުއާ ހުއްޓުވިއެވެ. ވީގޮތް ފަހުން ކިޔައިދޭނަން ކަމަށް ބުނެ ދުއާ އެދުނީ ކޭކު ހިފައިގެން އަވަހަށް މައްޗަށް ދިއުމަށެވެ. މިހާރު އެމީހުން ލަސްވެފައި ތިބޭނަކަމަށް ބުނުމުން ތާރާވެސް ދުއާގެ ބަސްއަހައިގެން ކޭކު ހިފައިގެން ނިކުތެވެ. ވަގުތުގެ ގޮތުން ދުއާގެ ބަސް ޤަބޫލުކުރިނަމަވެސް ފަހުން އާރަވްއާ ވާހަކަ ދައްކަން ހިތު އަޅައިގެންނެވެ.

****************

ލޫކަންގެ އަތުތެރޭގައި އެއިނީ ރާނީ ނޫން ދެވަނަ މީހެއް ނޫންކަން އެނގުނު ހިނދު ދުންޔާއަށް ހުރިހާ ކަމެއް އޮޅުން ފިލައިފިއެވެ. އެންމެ ފުރަތަމަ ފަހަރަށް އޭނާގެ އުފަން ދުވަހުގެ ޕާޓީގެ ތެރެއިން ރާނީ ފެނުނު ދުވަހު ކަންތައް ވެގެން ދިޔަ ގޮތް ހަނދާން ކުރަމުން ދުންޔާ އައިސް އެނދުގައި އިށީނެވެ. އެދުވަހު ތާރާ ރާނީއަށް ގޮވައިލީ ރާނީ ޕާޓީއިން ނިކުމެގެން ދަނިކޮށެވެ. އެއަށްފަހު އެނބުރި އައިސް ރާނީ އެމީހުންނާ ވާހަކަދައްކަމުން ދިޔައިރު އެދެލޮލުން ފެނުނު އަސަރުގެ ފަހަތުގައިވާ އަސްލު ސަބަބު މި އެނގުނީއެވެ. ލޫކަންއަށް ވެސް ބަދަލުތައް އަންނަންފެށީ އެދުވަހުން ފެށިގެންނެވެ. ކޮންމެ ދުވަހަކުހެން ލޯބިވާ މީހާގެ ކުރިމަތީގައި އުޅެން ޖެހުމަކީ ފަސޭހަކަމެއް ނޫންކަން ދުންޔާއަށް އިހުސާސްވިއެވެ. ދުންޔާ އަދިވެސް އެއްފަހަރު އޭނާގެ އަތުގައި އޮތް ފޮޓޯގަނޑަށް ބަލައިލިއެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އިންތިހާއަށް އުފާވެރިކަމެވެ. އެފޮޓޮއިންވެސް ހާމަވަމުން ދިޔައީ އެދެމެދުގައި އޮތް ފުން ލޯތްބެވެ. ލޫކަން ރާނީއަށް ބަލަހައްޓައިގެން ހުރިގޮތުން ރާނީ އެއީ އޭނާއަށް އިންތިހާއަށް މުހިންމު މީހެއް ކަމުގައި ހާމަވެއެވެ. ލޫކަންގެ އަތު ތެރޭގައި ހުރި ރާނީގެ ތުންފަތްމަތީގައިވާ ހިނިތުންވުމުން އޭނާއަށް ލިބިފައިވާ އުފާވެރިކަން ހާމަވެއެވެ. މައްޗަށް ބަލައިލަމުން ދުންޔާ ފުންނޭވައެއް ދޫކޮށްލިއެވެ. ދުއާ އާ ކައިވެނި ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ފުރަތަމަ ފަހަރަށް އިހުސާސްވިއެވެ. ރިޒާއާއި ދުއާގެ އުފަލަށް ނަމަވެސް ލޫކަންގެ ހަޔާތް ބަރުބާދުކޮށްލުމަކީ ވެވޭ ބޭއިންސާފެކެވެ.

*************

ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުރި ހާޖަރުގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އެއްފަހަރު ގަޑިއަށް ބަލައިލުމަށްފަހު އަނެއް ފަހަރފު ބަލައިލަނީ އަތުގައި އޮތް ބޯޑިންގް ޕާސްއަކަށެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އަމާން ގެއަށް އަންނާނެ އިރަކަށެވެ.  ރަޙުމަތްތެރިންނާ އެކު ކެއުމަކަށް ދިޔަ އަމާން މިހާރު ގެއަށް އަންނަން އުޅޭނެއެވެ. އިންތިޒާރުގެ ގަޑި ނިމުމަށް އަންނަން މާގިނައިރެއް ނުނެގިއެވެ. ދޮރު ހުޅުވާލާފައި އަމާން ވަނުމާއެކު ވައިސޫރިއެއްހެން ގޮސް ހާޖަރު އަމާންގެ ކުރިމައްޗަށް ހުއްޓުނެވެ. ބަހެއް ބުނުމެއްނެތި އޭނާ އަމާންއަށް ދިއްކޮށްލީ އަތުގައި އޮތް ބޯޑިން ޕާސްއެވެ. ހައިރާންވެފައި ހުރެ އޭގައި ހިފާ ބަލައިލުމާއެކު މޫނުމައްޗަށް މަޑުމަޑުން ކުށްވެރިކަމުގެ ކުލަވަރު އަރާ އިސްޖެހުނެވެ.

" އަމާން މާލެ ދިޔައިރު އަހަރެންނަށް ސިއްރުކުރީ ކީއްވެ.. އެހެން ގައުމަކަށް ދާ ވާހަކަ ބުނެ ދޮގު ހެދީ ކީއްވެ..؟ " ހާޖަރު އެހިއެވެ. އަމާން ބަހެއް ނުކިއެވެ. އަމާންގެ އެހިމޭންކަމުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމުގައި ހާޖަރުގެ ސިކުނޑި އިންޒާރު ދިނެވެ. އެންމެ ފުރަތަމަވެސް އޭނާގެ ހިތަށް އައިސް ވަނީ ރާނީގެ ނަމެވެ.

" ރާނީއަށް އެނގޭތަ އަމާން މާލެ ދިޔަކަން.. އަމާން ބުނެބަލަ ކީއްކުރަންތަ މާލެ ދިޔައީ..؟ އަހަރެންގެ ރާނީއަށް މުސީބާތެއް ކުރިމަތިވީތަ؟ ބުނެބަލަ އަމާން ހެޔޮނުވާނެ.. " ރުޅިއާއި ކަންބޮޑުވުން އެކުވެ ހާޖަރުގެ އަޑު ބާރުވިއެވެ.

" ހަމަޖެހިބަލަ ހާޖަރު.. ރާނީ ރަނގަޅޭ..!! އާދެބަލަ މިތާ އިށީންނަން.. " އަމާން ހާޖަރު ގަޔާ ކައިރިކޮށްލައިގެން ގެނެސް އެނދުގައި ބޭންދިއެވެ.

" އަހަރެން ކިހިނެއް ހަމަޖެހޭނީ.. އަމާން އަހަރެންނަށް ސިއްރުން އެތަނަށް ދާންވީ ކީއްވެ.. އަހަރެންގެ ހިތް އެބަ ބުނޭ ކޮންމެވެސް ބޮޑު ކަމެއް ވެއްޖޭ.. ބުނެބަލަ އަމާން.. އަހަރެންގެ ރާނީއަށް ކަމެއްވީތަ؟"

" ރާނީއަށް އެއްވެސް ކަމެއް ނުވޭ... ކިޔައިދެވޭނީވެސް ހާޖަރު ހަމަޖެހުނީމައެއްނު.. އިހަށް ފުންކޮށް ދެތިން ނޭވާ ލާފަ ހަމަޖެހެވޭތޯ ބަލާބަލަ.. " އަމާން ބުންޏެވެ. އޭނާ އެދުނު ފަދައިން ހާޖަރު ހަމަޖެހެން މަސައްކަތް ކުރަމުން ފުންކޮށް ދެތިން   ނޭވާ ދޫކޮށްލިއެވެ.

" ދެން ބުނެބަލަ ތިވެގެން އުޅޭ ގޮތެއް.. " ހާޖަރު އެހިއެވެ.

" ރާނީއަށް ހުރިހާ ކަމެއްވެސް އެނގިއްޖެ!! ކަންތައްވީ ތަޤުދީރުގައި އެކަން ލިޔެވިފައިވާ ގޮތަށް.. ހީވެސް ނުކުރާ ގޮތަކަށް ރާނީ އޭނާގެ އާއިލާ، ހާޖަރުގެ އާއިލާއާ ބައްދަލުވެއްޖެ.. " އަމާންގެ ޖުމްލައާއި އެކު ހާޖަރަށް އިންތަނު ން ތެދުވެވުނެވެ.

" ކީކޭ..؟ " ޤަބޫލުނުކުރެވިފައި ހުރެ ހާޖަރަށް ބުނެވުނެވެ.

"އަހަރެން މާލެ ދިޔައީ ރާނީ ގުޅާފައި އަންނަން ބުނެގެން.. ރާނީގެ ސުވާލުތަކުގެ ސަބަބުން ޖަވާބު ދޭން އަހަރެންނަށް މަޖުބޫރުވީ.. ހާޖަރުގެ މާޒީއިން އަހަރެންނަށް އެނގިފައިވާ ހުރިހާ ކަމެއް އަހަރެން ރާނީއަށް ކިޔައިދިނިން.. ރާނީގެ އިތުރު ދައްތައެއް ދުނިޔޭގައި ހުރި ވާހަކަވެސް ބުނަން އަހަރެންނަށް މަޖުބޫރުވީ.. ދެން މިބުނަން އުޅޭ ވާހަކަ ހާޖަރު އަހަންވާނީ ވަރަށް ހިތްވަރާ އެކީގައި.. އޭގެ ކުރިން އަހަރެން ބުނަން ބޭނުން އަހަރެމެންގެ ރާނީއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް.. ކޮންމެފަދަ ދަތިއުނދަގުލަކާ ކުރިމަތިލުމުގެ ހިތްވަރު އެމަންޖެއަށް ލިބިފައިވޭ.. ރާނީ.............. ރާނީ... މި މިހާރު ދިރިއުޅެނީ ހާޖަރުގެ ގޭގައި.. " އަމާންގެ ފަހު ޖުމްލަ ހާޖަރަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

" ނޫން ނުވާނެ އެހެނެއް.. އަހަރެންގެ ރާނީއަށް އެގޭގައި ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ.. އަހަރެންގެ އުފާ މަރުވިހެން ރާނީއަށް ވާކަށް ބޭނުމެއްނޫން.. އެގޭގައި އެބައުޅޭ އަހަރެންގެ ދަރިންގެ ލެޔަށް ފެންބޮވައިގެންފައި ތިބި ބަޔަކު.. އަމާން ހަމަ މިހާރު ރާނީއަށް ގުޅާ.. ބުނޭ އެގެއިން ނިކުންނަން.. މިބުނީނު ގުޅާށޭ.. "

" ހަމަޖެހިބަލަ ހާޖަރު... އިހަށް މި ދައްކާ ވާހަކަ އަޑުއަހާބަލަ... ރާނީ އެއީ ހާޖަރުގެ ދަރިއެއްކަން އެނގެނީ ހަމައެކަނި ސާރާއަށް.. އިތުރު މީހަކަށް ނޭނގޭނެ އެއީ ހާޖަރުގެ ދަރިއެއްކަމެއް... ރާނީ އެގޭގައި އެއުޅެނީ އެންމެ މަޤްސަދެއްގައި.. ގެއްލިފައިވާ ދައްތަ ހޯދުމާއި އުފާގެ މަރުގެ ހަޤީޤަތް ހޯދުމަށް.. ހާޖަރުއާ ހާޖަރުގެ ދަރިން ވަކި ކުރީ ކާކުތޯ ހޯދުމަށް.. "

" މީ ފިލުމެއް ނޫނޭ ތިހުރިހާ ކަމެއް ރާނީ އެކަނިން ކުރާކަށް.. އެއްވެސް ކަމެއް ބަލާކަށް އަހަރެން ބޭނުމެއް ނޫން.. އަމާން ނުގުޅަންޏާ އަހަރެން ގުޅާފަ މިބުނަނީ " ހާޖަރު ރުޅި އައިސްފައި ގޮސް އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. އެހިނދު އަމާން ގޮސް ހާޖަރު އަތުން ފޯނު ޖަހައިގަތެވެ.

" ތިހާ އަމިއްލަ އެދުން ބޮޑުނުވޭ ހާޖަރު.. ހާޖަރުއަށް ހުރިހާވެސް އެއްޗަކީ ރާނީއާއި ރަޔަން ތަ؟ ދެން ހުރީ ހަމަ ހާޖަރުގެ ދަރިއެއް ނޫންތަ؟ އެކުއްޖާއަށްވެސް މައެއްގެ ލޯބި ބޭނުންވާނެ ކަމެއް ނޭނގޭތަ؟ ބައްޕައެއް ކައިރީ ހުރެ ކިތަންމެ މުއްސަނދި ދިރިއުޅުމެއް އުޅުނަސް މައިމީހާގެ ލޯބި ކޮންމެ މީހަކުވެސް ބޭނުންވާނެ.. ހާޖަރު އެކުއްޖާ ދޫކޮށްލާފައި އައީ އެކުއްޖާއަށް ރަނގަޅަށް ކަމުގައިވިޔަސް މަންމަ ދުނިޔޭގައި ހުރިކަން އެނގި މަންމައާ ނުލާ އުޅެން ޖެހުނީމަ އެކުއްޖާއަށް ލިބޭނެ ހިތްދަތިކަމަކާ ދޭތެރޭގައި އެއްފަހަރުވެސް ވިސްނާލިންތަ؟ ހެޔޮނުވާނެ ހާޖަރު.. ފިލައިގެން ނޫޅެ އެންމެންގެ ކުރިމައްޗަށް ނިކުމެ އަމިއްލަ ހައްޤު ހޯދަންވީ ވަގުތު އައިސް ޖެހިއްޖެ.. ވަކިވެފައިވާ ދަރިއަށް މަންމައެއްގެ ލޯބިދޭން މިހާރު މާ ލަސްވެސް ވެއްޖެ.. ރާނީ އެކުރަނީ ގޯސްކަމެއް ނޫން.. ރާނީއާ މެދު އަހަރެން ފަޙުރުވެރިވަން.. " އަމާން ބުނެލިއެވެ. އެހިސާބުން ހާޖަރު ރޯން ފަށައިފިއެވެ. ރޮމުން އަމާންގެ މޭގައި ލައްވެލިއެވެ. އަމާން އެއްއަތުން ހާޖަރު ގައިގައި އަތްވަށާލައިގެން ހުރެ އަނެއް އަތުން ހާޖަރުގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެހެންހުރެފައި ކުއްލިއަކަށް ހާޖަރު ބޯހިއްލާލާފައި އަމާންއަށް ބަލައިލިއެވެ.

" އަމާން ތީ ރާނީގެ ބައްޕަ ނޫން ވާހަކަވެސް.................. " އަމާންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ކުރަކިވެފައިވާ އަޑަކުން ހާޖަރު އެހިއެވެ. އަމާން ބޯޖަހައިލިއެވެ.

" އެކަން އެނގުމުން ރާނީ ވަރަށް ރުއި.. އެކަމަކު ކުރިންވެސް ބުނިހެން އަހަރެމެންގެ ރާނީއަކީ ހެޔޮނުބައި ވިސްނޭ ހިތްވަރުގަދަ ކުއްޖެއް... " އަމާން ބުންޏެވެ.

" މަންމާ!! ......... " ދޮރުމަތިން އިވުނު އަޑާއެކު އަމާންއާއި ހާޖަރު ސިހިފައި ބަލައިލިއެވެ. ދެލޯ ފެންކަޅިވެފައި ރަޔަން ހުރިގޮތުން އޭނާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީކަން އެދެމަފިރިންނަށް އެނގުނެވެ.

*****************

ހަމަދް ކައިވެނި ހުށައެޅުމުން ލިބުނު އުފަލުގައި ވެދިޔަ ކަންތައް ތާރާގެ ހަނދާނުން ކައްސާލައިފިއެވެ. މިހާރު ތާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާޔަށް އުފާވެރިކަމެވެ. މޭޒުކައިރީގައި އިށީނދެ އިން ތާރާގެ ނަޒަރު ހުއްޓިފައިވަނީ ހަމްދް އިނގިލީގައި އަޅުވައިދިން އަލިމަހުގެ އަނގޮޓިއަށެވެ. ތާރާގެ ހަރަކާތްތަކަށް ބަލަން ކައިރީގައި އިން ދުއާ އިނީ ހެވިފައެވެ.

އެއްފަރާތު ރެއިލިނގް ކައިރީގައި ހުއްޓިލައިގެން ރާނީއާއި އާރަވް ތިބިއިރު އެދެމީހުންގެ އަތުގައި ކޭކް ފޮއްޗެއް ލެވިފައިވާ ތައްޓެއް ހުއްޓެވެ. ގްރިލް ކައިރީގައި ތިބި ލޫކަން އާއި ހަމަދް އަދިވެސް ކަނީއެވެ.

" މަންމަމެން ކައިރީގައި އަހަރެން ކައިވެނި ކުރާ ވާހަކަ ބުނީމަ ބުނާނެ އެއްޗެއްވެސް ނޭނގޭ.. " ތާރާ ބުންޏެވެ.

" ވަކި އެއްޗެއް ބުނަން ޖެހޭތަ؟ ޔަގީން ވަރަށް އުފާވާނެ އޭރުން.. މަންމަޔަކަށް ދަރިންގެ އުފަލަށް ވުރެ މުހިންމު އެއްޗެއް ނޯންނާނެ.. " ދުއާ ބުންޏެވެ.

" އެހެންތަ؟ ހެހެ ކިހިނެއް ދުއާ އަށް އެނގެނީ.. ؟ " ތާރާގެ ސުވާލާއެކު ދުއާ ހިމޭންވެ އިސްޖެހިއެވެ. ކުރެވުނު ސުވާލާމެދު ތާރާވެސް ދެރަވެ ތުންފަތްމަތިން ހިނިތުންވުން ގެއްލިއްޖެއެވެ.

" ސޮރީ ދުއާ.. އެހެން ބުނި އެއްޗެއް ނޫން.. އެކަމަކު ވާހަކައެއް އަހާލަންތަ؟ " މޭޒުމަތީގައި އޮތް ދުއާގެ އަތްތިލައިގާ ހިފާލަމުން ތާރާ ބުންޏެވެ. " ދުއާގެ މަންމަ ކޮބައިތޯ ބަލާކަށް ހަމަ ބޭނުމެއް ނުވޭތަ؟ "

" މަންމަގެ ލޯތްބަށް ފެންބޮވައިގެންފައި ވާވަރު ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ.. ކުރިންވެސް ބުނީމެއްނު މަންމަގެ ވާހަކަ އަހާއިރަށް ބައްޕަ ބާވާލާނޭ.. ކާފަވެސް އެހާ ބޮޑަކަށް އަހަރެންނަށް ކިޔައެއް ނުދޭ.. ކުރިން އަހަރެންވެސް އެހާވަރަށް އެކަމާ ނޫޅުނީ.. އެކަމަކު މިހާރު........ އަހަރެން ބޭނުން މަންމަ ކޮބައިތޯ ބަލަން.... ހަޔާތުގައި މުސީބާތްތަކާ ކުރިމަތިވެ އެކަނިވެރިވީމަ ހިތަށް އަރާ ގައިގަ ފިރުމާލަދޭން މަންމަ ކައިރީގައި ހުރިނަމައޭ.. އެމަންމަ ގައިގަ ބައްދާލާ ކޮނޑުގައި ބޯއަޅައިގެން އޮވެ ރޯލަން ބޭނުންވޭ.. އެންމެ ދެރަވަނީ މަންމަގެ ފޮޓޮއެއްގާ ހިސާބުވެސް ފެނިފައި ނުވާތީ... " ދުއާގެ ދެލޯ ފެންކަޅިވާތަން ފެނުމުން ތާރާ ދުއާގެ އަތްތިލައަށް ބާރުކޮށްލިއެވެ.

" ދުއާ އެކަނިވެރިއެއް ނުވާނެ.. އަހަރެންނާ ލޫކް މިހުރީނު.. މިހެން ބުންޏަސް މަޔަކާ އެއްވަރު ނުވާނެކަން އެނގޭ.. އަހަރެންގެ ސުވާލަކީ ދުއާގެ މަންމަ ދުނިޔޭގައި ހުރިއިރު ދުއާ ކައިރިއަށް ނާންނަނީ ކީއްވެބާއޭ.. " ތާރާ ސުވާލުކުރިއެވެ. ދުއާ އެކަމާ ވިސްނާލަމުން ދުރު ބަލައިލިއެވެ.

**************

ގެއަށް ވަންގޮތަށް ރާނީ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. މީހަކު ހޭލާ ނޫޅޭކަން ނަސީބެކޭ ހިތަށް އެރިއެވެ. ލަސްކޮށް އާދެވުނުކަން އެނގުނިއްޔާ ބަދޫރާ ރުޅި އަންނާނެކަން ޔަގީނެވެ. ވީހާވެސް މަޑުން ފިޔަވަޅު އެޅޭތޯ ބަލަމުން ރާނީ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅިގެން އުޅެނިކޮށް އެކޮޓަރީގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކި ޖަހާލައިފިއެވެ. ސިހުމެއް ލިބުނީ ބަދޫރާކަމަށް ހީކޮށެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރާނީ ދޮރު ހުޅުވާލީ ދެވަނަ ފަހަރަށް ޓަކި ޖެހުމުންނެވެ. ދޮރުމަތީގައި ހުރި ހާރޫން ފެނިފައި ރާނީއަށް ލިބުނީ ހައިރާން ކަމެކެވެ.

" އަހަރެން އެތެރެއަށް ވަނަސް އެންމެ ރަނގަޅުތަ؟ ވާހަކައެއް ދައްކާލަން ވެގެން.. " ރާނީ ބަހެއް ކިޔުމުގެ ކުރިން ހާރޫން ބުންޏެވެ.

" ސޮރީ ވަރަށް ބޮޑަށް.. ވާޙަކައިގައި ތިއްބާ ގަޑި ދިޔަގޮތެއްވެސް ނޭނގުނީ.. " ރާނީ ހީކުރީ ލަހުން ގެއަށް އައުމުން އެވާހަކަ ދައްކަން އުޅެނީ ކަމަށެވެ.

" ތިވާހަކައެއް ނޫން.. " ހާރޫން ބުނެލީ އެވަރަށެވެ. ހާރޫން ހުރި ގޮތުން ރާނީއަށް އިތުރު ބަހެއް ކިޔާކަށް ނުކުރެނެވެ. ދޮރު ބޮޑަށް ހުޅުވާލީ ހާރޫން ވަންނަން ތަން ދެއްކުމަށެވެ.

" ދޮރު ލައްޕާލާ.... " އެތެރެއަށް ވަދެ ހުއްޓެމުން ހާރޫން ބުނެލިއެވެ. ހައިރާންކަމުގެ އިތުރަށް ޖެހިލުންވުމެއްގައި ހުރެ ރާނީ ދޮރު ކައިރިކޮށްލިއެވެ. އެއްކޮށް ލައްޕާކަށް ނުކެރުނެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް ގެނެސްދިނުން ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ލިޔުންތެރިޔާ އަދި ނޫހުގެ ފަރާތުން މައާފަށް، އެދެން، އިންޝާﷲ ވާހަކައިގެ އާބައެއް، 13 ސެޕްޓެމްބަރ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް