ވިއަވަތި ރާއްޖެ މަހާސިންތާގެ ތިންވަނަ މަހާސިންތާ (ދެކުނު މަހާސިންތާ) ލ. ގަމުގައި ރަސްމީކޮށް ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 09:00ގައި ފަށާފައިވާއިރު ފެށުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަފްޝަން ލަތީފެވެ.
އަފްޝަންގެ ވާހަކަފުޅުގައި ވިއަވަތި ކޮންފަރެންސާއެކުއެކީގައިހެން ކުރިއަށްގެންދާ ފައްނޯލަ އަދި ވިއަވަތީގެ މާނައާއިމެދު ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ފައްނޯލައަކީ އިހުގައި ސިޔާސީ މުހިންމު ނިންމުންތައް ނިންމާ ދަރުބާރަށް ކިޔާ ނަމެއް ކަމާއި ވިއަވަތީގެ މާނައަކީ ދިރިއުޅުމުގެ ތަނަވަސްކަމާއި ތިޔާގިކަން ހުރި މިންވަރު ނުވަތަ ލިބޭ އާމްދަނީން ދެކޮޅު ޖެއްސުމުގެ ގާބިލުކަން ކަމުގައި އަފްޝަން ފާހަގަކުރެއްވިއެވެ.
ލާމުގައި ކުރިއަށްމިދަނީ ވިއަވަތި ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސެވެ. ވިއަވަތި ދެކުނު ކޮންފަރެންސްގައި ބައިވެރިވަނީ ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކުންނާއި ޑަބްލިއުޑީސީއިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ދައުލަތުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.
ވިއަވަތި ކޮންފަރެންސް ލާމުގައި މިއަދާއި މާދަމާ ކުރިއަށްދާނެއެވެ.
ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބޭއްވޭއިރު، މި ކޮންފަރެންސްގައި ބައިވެރިވަނީ، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް