މިޔަންމާގެ އެންމެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރެންގައި ހިއުމަން ޓްރެފިކިންގެ ބޮޑު ހަބެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިކަން ހިނގަމުންދަނީ ޗައިނާގެ ވިޔަފާރިތަކަށް ހާއްސަކޮށް ހިންގާ ސްޕެޝަލް އިކޮނޮމިކް ޒޯން ކަމަށްވާ ޝްވި ކޮއްކޮ ސިޓީގައި އެވެ. މިއީ މުޅިން އަލަށް ކުރިއަރަމުން އަންނަ ސިޓީއަކަށް ވާއިރު ސިޓީ އޮންނަނީ މިޔަންމާ އާއި ތައިލެންޑު ގުޅޭ ސަރަހައްދުގައި އެވެ.
އެތަނުގައި ކަސީނޯތަކާއި، އެކި ފަންތީގެ ނައިޓް ކްލަބްތައް ހުންނަ ކަމަށްވެ އެވެ. އެ ސަރަހައްދުގައި އިންވެސްޓުކޮށް، ވިޔަފާރިކޮށް، ގޮސް އުޅެނީވެސް ޗައިނާ މީހުންނެވެ.
ބައިނަލްއަގުވާމީ ހިއުމަން ރައިޓްސް އެކްޓިވިސްޓުން ބުނެފައިވަނީ އެތަނުގައި ހަށިވިއްކުމުގެ ވިޔަފާރީގައި ގިނައިން އުޅެނީ ތައިލެންޑާއި ލާއޮސް، ކެމްބޯޑިއާ އަދި މެލޭޝިއާ މީހުންނެވެ. އެމީހުން އެތަނުގައި މަސައްކަތް ކުރަނީ މަޖުބޫރީ ހާލަތުގައި އެވެ. އެމީހުން މިޔަންމާއަށް އެތެރެ ކުރަނީ ސެކިއުރިޓީ ގާޑަށް މަޖުބޫރުކޮށްގެން ތައިލެންޑާއި މިއަންމާ ދޭތެރޭގައި އޮންނަ ކޯރެއް ހުރަސްކޮށްގެން ކަމަށްވެ އެވެ.
ޗައިނާ ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ޝްވި ކޮއްކޮ ސިޓީއަކީ މިއަންމާއަށް ފަހި ވިޔަފާރި ފުރުސަތުތައް ހޯދައި ދިނުމުގެ ނަމުގައި ޗައިނާއިން ބާރުގަދަ ކުރުމަށް ތަރައްގީ ކުރަމުންދާ ސިޓީ އެކެވެ. އެތަނުގައި ބިޔަ ޕްރޮޖެކްޓުތަކެއް ހިންގަމުންދާއިރު އެއީ ޗައިނާއިން ބޭރުގައި ހިންގާ ޕްރޮޖެކްޓު ތަކުގެ ތެރެއިން ތިން ވަނައަށް އެންމެ މުހިންމު ޕްރޮޖެކްޓު ކަމަށް ކުރިން ޗައިނާއިން މިއަންމާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެފައިވެ އެވެ.
އެކަމަކު އެ ވާހަކަވެސް ޗައިނާ ސަރުކާރުން ފަހުން ވަނީ ދޮގުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް