ޕަޕުއާ ނިއު ގިނީ އަށް ބާރުގަދަ ބިންހެލުމެއް

އޯސަނިއާ ސަރަހައްދަށް ނިސްބަތްވާ ގައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއްގެ އަސަރުކޮށްފިއެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން މިންކޮށް ރިޕޯޓްކޮށްފައިވާގޮތުގައި މި ބިންހެލުމަކީ ރެކްޓަ...

11 Sep 2022 | 01:48

އޯސަނިއާ ސަރަހައްދަށް ނިސްބަތްވާ ގައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއްގެ އަސަރުކޮށްފިއެވެ.

ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން މިންކޮށް ރިޕޯޓްކޮށްފައިވާގޮތުގައި މި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 7.6 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.

މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 6:46 ގައެވެ. މި އާޓިކަލް ލިޔުނު ވަގުތު އެ ގައުމުގެ ގަޑިން ހެނދުނު 11:36 ވަނީ ވެފައެވެ.

މި ބިންހެލުން ނޯޓު ކުރެވިފައިވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދެއްކަމުގައިވާ ކައިނަންޓުއާއި 67 ކިލޯމީޓަރު ދުރުން 50 އާއި 60 ކިލޯމީޓަރު އަޑިން ކަމަށް ޔޫ.އެސް.ޖީ.އެސް އިން ބުނެފައިވެއެވެ.

މި ބިންހެލުމުގެ ބާރުގަދަ ނަމަވެސް ސުނާމީއެއްގެ އިންޒާރު އެ ސަރަހައްދުގެ މޫސުމާއިބެހޭ ސަރަހައްދީ އިދާރާ ނޭޝަނަލް އޯސަނިކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އިން ދީފައެއް ނުވެއެވެ.

ސުނާމީއެއްގެ އިންޒާރު ދީފައިނުވިނަމަވެސް މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދަށް ގެއްލުންތަކެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ބިންހެލުން އައި ސަރަހައްދަކީ އެ ގައުމުގެ ނިސްބަތުން ބަލާއިރު އާބާދީވެސް ބޮޑު ސަރަހައްދެކެވެ.

ޕަޕުއާ ނިއު ގިނީ އަކީ ދުނިޔޭގައި 100 ވަނައަށް އާބާދީ އެންމެ ބޮޑު ގައުމެވެ.

އެ ގައުމު އޮތް ސަރަހައްދަކީ މިފަދަ ބާރުގަދަ ބިންހެލުންތައް އައުމުގެ ރެކޯޑެއް އޮންނަ "ރިންގް އޮފް ފަޔަރ" ހިމެނޭ ސަރަހައްދެވެ.

2018 ވަނަ އަހަރު އެ ގައުމުގެ މެދުތެރެއަށް އައި މިފަދަ ބާރުގަދަ ބިންހެލުމެއްގައި 125 އެއްހާ މީހުން މަރުވެފައިވެއެވެ. އެފަހަރު ރެކޯޑު ކުރެވުނީ ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް