މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ 16 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެމްއާރުއެމް ގެ ޒައީމުގެ މަގާމާއި ޕާޓީގެ ރައީސް އާއި ނައިބު ރައީސް އަދި އެނޫންވެސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އެ ޕާޓީއަށް އަންހެން ނައިބު ރައީސެއް ވެސް އައްޔަނުކުރަން ނިންމާފައިވާ ކަމަށާއި އެގްޒެކެޓިވް ކޮމިޓީއަށް ފިރިހެން 10 މެމްބަރުންނާއި އަންހެނުން 10 މެމްބަރުން އިންތިޚާބުކުރާނެ ކަމަށް ވެސް އެމްއާރްއެމް އިން ބުނެ އެވެ.
މީގެ އިތުރުން ޒުވާނުންގެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އާއި ޒުވާނުންގެ ކައުންސިލަށް ވެސް ފިރިހެން 15 މެމްބަރުންނާއި އަންހެން 15 މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފަ އެވެ.
އަންނަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ގައި އެ މި މަގާމުތަކަށް މީހުން އިންތިޚާބުކުރާ އިރު، މަގާމުތަކަށް ކުރިމަތިލާން އެދޭ މެމްބަރުން ފޯމު ހުށައަޅަން ޖެހެނީ ޕާޓީގެ އޮފީހަށެވެ.
މި މަގާމުތަކަށް ކުރިމަތިލެވޭނީ އެމްއާރުއެމްގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ކަމަށް އެ ޕާޓީން ބުނެ އެވެ.
ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވާ އުފައްދަވާފައިވާ އެމްއާރްއެމް ގެ މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު، ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވަނީ ޕާޓީގެ ރައީސް ކަމަށް އިންތިޚާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް