ސެޕްޓެމްބަރު 11 ހަމަލާއަށް 20 އަހަރު، ބަދަލު ހިފުމަށް އެމެރިކާ ކުރި ހަނގުރާމައިން ލިބުނު މޮޅެއް ނެތް!

މީގެ 20 އަހަރު ކުރިން 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކަށް 20 އަހަރު ފުރުން މިއަދު އެ ގައުމުގައި ދަނީ ފާހަގަ ކުރަމުންނެވެ. ދުވަހާއި ގުޅިގެން އެ ގައުމުގެ ރައީސް ޖޯ ބައިޑަ...

11 Sep 2021 | 12:03

މީގެ 20 އަހަރު ކުރިން 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކަށް 20 އަހަރު ފުރުން މިއަދު އެ ގައުމުގައި ދަނީ ފާހަގަ ކުރަމުންނެވެ.

ދުވަހާއި ގުޅިގެން އެ ގައުމުގެ ރައީސް ޖޯ ބައިޑަން ނެރުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން އެއްބައިވަންތަކަން ދައްކަން ޖެހޭ ކަމަށެވެ. ބައިޑަން ވިދާޅުވީ ސެޕްޓެމްބަރު 11 ގެ އެންމެ ބޮޑު ފިލާވަޅަކީ އެއީ ކަމަށާއި އެންމެ ނާޒުކު ހާލަތުގައި އެންމެ ބޮޑު ބާރަކީ އެއްބައިވަންތަކަން ކަމަށެވެ.

އިސްލާމީ ހަރުކަށި ޖަމާއަތް އަލްގައިދާއިން އެ ހަމަލާ ދީފައިވަނީ ތިން ފްލައިޓެއް ހައިޖެކް ކޮށްގެން 19 ހަނގުރާމަވެރިން ބޭނުން ކޮށްގެންނެވެ. އެމެރިކާގެ ތިން އިމާރާތަކަށް އަމާޒުކޮށް ދޭން ނިންމާފަ އޮތް އެ ހަމަލާތަކުގެ އަމާޒަށް ވާސިލްވީ ހައިޖެކް ކުރި ދެ މަތިންދާ ބޯޓު ބޭނުން ކޮށްގެންނެވެ.

ވޮޝިންޓަނުގައި ހުންނަ ކެޕިޓަލް އިމާރާތަށް ހަމަލާދޭން ހައިޖެކް ކުރި މަތިންދާ ބޯޓު އަމާޒަށް ވާސިލް ނުވަނީސް ވެއްޓުނީ ހަނގުރާމަވެރިންނާއި ދެކޮޅަށް ބޯޓުގައި ތިބި ފަސިންޖަރުން މަސައްކަތް ކުރަން ފެށުމުންނެވެ. 40 ފަސިންޖަރިންނާއި ކްރޫ ހިމެނޭ އެ ފްލައިޓު ވެއްޓުނީ އެމެރިކާގެ ޕެންސިލްވޭނިއާގެ ޝޭންކްސްވިލް އަށެވެ.

ހައިޖެކް ކުރި މަތިންދާބޯޓު ބޭނުންކޮށްގެން ޓްވިން ޓަވަރަށް ދިން ހަމަލާގައި 2،753 މީހުން މަރުވި އެވެ. އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓަގަން އަށް ދިން ހަމަލާގައި 184 މީހުން މަރުވި އެވެ.

ހަމަލާގެ ފަހަތުގައިވާ އަލްގައިދާ އާއި ދެކޮޅަށް މިދިޔަ 20 އަހަރު އެމެރިކާއިން ވަނީ ބަދަލު ހިފުމަށް ގިނަ ހަނގުރާމަތަކެއް ކޮށްފައި އެވެ. އެގޮތުން އެ ޖަމާއަތަށް ހަމަލާއަށް ފަހު ހިމާޔަތްދިން އަފްގާނިސްތާނުގެ ތޯލިބާނުންގެ ވެރިކަން ވައްޓާލައި 2001 ވަނަ އަހަރު އެމެރިކާއިން އަފްގާން ހިފީ އަލްގައިދާގެ ކިބައިން ބަދަލު ހިފާ އުސާމާ ބިން ލާދިން މަރާލުމަށެވެ.

މިދިޔަ 20 އަހަރު ތެރޭގައި އެމެރިކާ ކުރި ހަނގުރާމައިން ހާސިލްވީ އެންމެ ދެ ކަމެވެ. އެއީ އުސާމާ ބިން ލާދިން މަރާލުމާއި ސެޕްޓެމްބަރު 11 ހަމަލާގެ މުގުލުގައި ހުރި  ހާލިދު ޝެއިހް މުހައްމަދާއި އިތުރު ހަތަރު މީހަކު ހައްޔަރު ކުރުމެވެ. އެ ފަސް މީހުން ތިބީ ދައުވާ އުފުލުމަށް ފަހު ޝަރީއަތް ނުފަށާ އަދިވެސް ގުއަންޓަނާމޯ ބޭ ޖަލުގައި އެވެ.

އެމެރިކާ އަމިއްލައަށްވެސް ވަނީ އަފްގާން ހިފައި އެމީހުން 20 އަހަރު ކުރި ހަނގުރާމައިން ލިބުނު ކާމިޔާބެއް ނެތް ކަމަށް އެއްބަސްވެފަ އެވެ. މިއީ އެމެރިކާއަށް މިވަގުތު ލިބިފަ އޮތް އެންމެ ބޮޑު ލަދެވެ.

އެމެރިކާއިން އެގައުމުގައި ތިބިހާ ދުވަހަކު ތޯލިބާނުން ދިޔައީ ސިއްރިއާތުގައި ތިބެގެން ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެންމެ ފަހުން އެ ޖަމާއަތާއި އެކު އެއްބަސްވުމެއް ހެދުމަށް ފަހު އަފްގާނުން ފައިބަން ނިންމިތާ ދެ މަސް ނުވަނީސް އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ވަނީ ތޯލިބާނުުން ނަގާފަ އެވެ.

އަދި އެ ޖަމާއަތުން އަލްގައިދާ އާއި ގުޅުން ކަނޑާލައި އެމީހުންނަށް ހިމާޔަތް ނުދޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެމެރިކާއަކަށް ނެތެވެ. އެމެރިކާ ބޭރު ކުރުމަށް ފަހު ތޯލިބާނުންގެ އެންމެ އަރިސް ގައުމުތަކުގެ ގޮތުގައި ހެދީ އެމެރިކާގެ ހަތުރުން ކަމަށްވާ ޗައިނާ، އީރާން އަދި ރަޝިއާ ފަދަ ގައުމުތަކެވެ.

އެހެން ކަމުން ސެޕްޓެމްބަރު 11 ގެ ހާދިސާގައި މަރުވެ ދިޔަ އެމެރިކާ ރައްޔިތުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަށް އެމެރިކާއަށް ކުރެވުނު މަސައްކަތުން ލިބުނު ކާމިޔާބަށްވުރެ ގެއްލުން ބޮޑުކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް