ހިޔާ ފްލެޓު އެގްރިމެންޓުގައި ސޮއި ކުރާ ތަން ބަދަލުވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއި ކުރުން ކުރިޔަށް ގެންދާ ތަން ބަދަލުވެއްޖެ އެވެ. އެގްރިމެންޓުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް ފ...

11 Sep 2021 | 10:53

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއި ކުރުން ކުރިޔަށް ގެންދާ ތަން ބަދަލުވެއްޖެ އެވެ.

އެގްރިމެންޓުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެއް މަސް ދުވަސްތެރޭ ހުރިހާ ފަރާތްތަކާއި އެކު ސޮއިކޮށް ނިންމާނެ ކަމަށް ބުނެ ފެށި ނަމަވެސް މުވައްޒަފުން ޕޮސިޓިވްވުމާއި ފްލެޓު ލިބުނު މީހުން މައުލޫމާތު ފުރިހަމަ ކުރުން ލަސްވުމުގެ ސަބަބުން އަދިވެސް ހުރިހާ ފަރާތްތަކާއި އެކު އެގްރިމެންޓުގައި ސޮއިކޮށް ނުނިމެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއަދުން ފެށިގެން ހިޔާ ފްލެޓު އެގްރިމެންޓުތަކުގައި ސޮއި ކުރުން ކުރިޔަށް ދާނީ ސެންޓްރޯ މޯލްގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ. ކުރިން އެ މަސައްކަތް ކުރިޔަށް ގެންދިޔައީ ރެހެންދި ސްކޫލްގައި އެވެ.

އެޗްޑީސީގެ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެގްރިމެންޓުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރެވިފައިވަނީ 85 ޕަސެންޓު މީހުންނާއި އެވެ. އަދި 88 ޕަސެންޓު މީހުންވަނީ ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި އެވެ.

އެޗްޑީސީން ބުނީ އަދިވެސް 1،500 އަށްވުރެ ގިނަ މީހުން ފްލެޓު އެގްރިމެންޓުގައި ސޮއި ނުކުރާ ކަމަށެވެ. މި މަޝްރޫއުގައި ދޫކޮށްފައިވަނީ 6،720 ފްލެޓެވެ.

ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމުނު ބައެއް މީހުން މިހާރު ވަނީ ފްލެޓުތަކަށް ދިރިއުޅުން ބަދަލު ކުރަން ފަށާފަ އެވެ. ފްލެޓުތަކަށް ކުލި ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް