އައްޑޫ ސީޓީގެ ކޯވިޑް-19ގެ ހާލަތަށް އަދިވެސް ބަދަލެއް ނާދެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އަލަށް އެ ސީޓީގެ ރަށްތަކުން 21 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެއާއި އެކު އެ ސިޓީގެ ރަށްތަކުގައި ހުރި ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 320 އަށް އަރާފަ އެވެ.
އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.
އިއްޔެ ޕޮސިޓިވްވި މީހުންގެ ތެރެއިން ނުވަ މީހުންނަކީ މަރަދޫއިން ޕޮސިޓިވްވި މީހުންނެވެ. ދެން ބަލި ޖެހިފައިވަނީ ހިތަދޫއިން އަށް މީހުންނާއި ފޭދޫން ތިން މީހަކާއި މީދޫން މީހެކެވެ.
މިވަގުތު ކޯވިޑް ޖެހިފަތިބި މީހުންގެ އަދަދަށް ބަލާއިރު މަރަދޫގައި 134 މީހުން އެބަތިއްބެވެ. މަރަދޫފޭދޫގައި 10 މީހުން ތިބި އިރު ފޭދޫގައި 28 މީހުން، މީދޫގައި 33 މީހުން އަދި ހިތަދޫގައި 105 މީހުންގެ އިތުރުން ހުޅުދޫގައި ކޯވިޑް ޖެހިފަ ހުރި 10 މީހުން އެބަތިއްބެވެ.
މިހާތަނަށް އެ ސިޓީގެ ރަށްތަކުން 1،128 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 805 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 19،000 އަށްވުރެ ސާމްޕަލް ނަގާފައިވެ އެވެ.
އައްޑޫއިން ކޯވިޑްގައި މިހާތަނަށް މަރުވެފައިވަނީ ތިން މީހުންނެވެ.
އައްޑޫގެ ރަށްތަކުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާއިރު އެ ސިޓީގެ ހުރިހާ ރަށްތަކެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް