ރައީސް ޔާމީންގެ ޝަރީޢަތުގެ އިސްތިއުނާފުގެ އަޑު އެހުމެއް މާދަމާ 9 ޖަހާ އިރަށް ތާވަލު ކޮށްފި

ރައީސް ޔާމީންގެ ޝަރީޢަތުގެ އިސްތިއުނާފުގެ އަޑު އެހުމެއް މާދަމާ 9 ޖަހާ އިރަށް ސްޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމަށް ހު...

11 Sep 2021 | 07:14

ރައީސް ޔާމީންގެ ޝަރީޢަތުގެ އިސްތިއުނާފުގެ އަޑު އެހުމެއް މާދަމާ 9 ޖަހާ އިރަށް ސްޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވުމާއި ގުޅިގެން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 29 ގަ އެވެ.

އެ މައްސަލައިގާ ރައީސް ޔާމީން ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓާފަ އެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރުވަނީ ފަށާފަ އެވެ. އަދި ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.

މާދަމާ އޮންނަ އިސްތިއުނާފު މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް