ފެލިވަރުގައި މަސް ޕްރޮސެސްކުރާ އިތުރު ކާރުހާނާއެއް ހެދުމަށް ޕްރީކޮލިފިކޭޝަން މަސައްކަތް ފަށައިފި

ޅ. ފެލިވަރުގައި އިތުރު ކާރުހާނާއެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ޕްޜީކޮލިފިކޭޝަން މަރުހަލާ، އެ މަޝްރޫއަށް ހަރަދުކުރާ އިންޑިއާގެ އެގްޒިމް ބޭންކުން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވ...

11 Sep 2021 | 06:01

ޅ. ފެލިވަރުގައި އިތުރު ކާރުހާނާއެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ޕްޜީކޮލިފިކޭޝަން މަރުހަލާ، އެ މަޝްރޫއަށް ހަރަދުކުރާ އިންޑިއާގެ އެގްޒިމް ބޭންކުން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އަލަށް ހަދަން ނިންމާފައިވާ ކާރުހާނާގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ އެވެ. އެ މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޮރޭޖްއަކާއި މަސް ޕްރޮސެސް ކުރާ ކާރުހާނާއަކާއި ބްރައިން ފްރީޒިން ފެސިލިޓީއެއް، ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިިލިޓީއެއް، ފިޝް މީލް ޕްލާންޓެއް، އައިސް ޕްލާންޓެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ހަމަ އެ މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއު ނިމުމުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ ބޮޑުތަނުން އިތުރުވެގެންދާނެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބާނާ މަސް ކިރުމުގައި މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ކަމަށާއި މިކަންވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރާ ކޯލްޑް ސްޓޮރޭޖާއި ފްރީޒިން ފެސިލިޓީގެ ސަބަބުން ހައްލުވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރީންނަށާއި، މިފްކޯއަށާއި މުޅި ގައުމުގެ އިގްތިސޯދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެ ކަމަށާއި، އަދި މަސްވެރިން ބާނާ މަސް، ދަތިކަމަކާ ނުލައި ކިރޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް