މައްސަލައަކަށް ވެގެން އުޅެނީ ސައިފް ހިންދޫ ދީނުގެ އަޅުމަކެއްގައި ބައިވެރިވުން އެކަންޏެއް ނޫން!

އިއްޔެ ޝޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުގެ ތެރެއިން ބޮލީވުުޑްގެ ބަތަލް ސައިފް އަލީ ހާން ހިންދޫ ދީނުގެ އަޅުކަމެއްގައި ބައިވެރިވި ފޮޓޯއަކީ އިންޑިއާ މުސްލިމުން ވަރަށް ރުޅި އައިސްގެން ފާޑު ކިޔުން އަމާޒު...

11 Sep 2021 | 04:59

އިއްޔެ ޝޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުގެ ތެރެއިން ބޮލީވުުޑްގެ ބަތަލް ސައިފް އަލީ ހާން ހިންދޫ ދީނުގެ އަޅުކަމެއްގައި ބައިވެރިވި ފޮޓޯއަކީ އިންޑިއާ މުސްލިމުން ވަރަށް ރުޅި އައިސްގެން ފާޑު ކިޔުން އަމާޒު ކުރި ފޮޓޯ އެވެ.

ހިންދޫން ފާހަގަ ކުރާ ދުވަހެއް ފެށުމުގައި ގޮތުން އެމީހުންގެ އާ ގޭގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ ކަމަށް ބުނެ ފޮޓޯ އާންމު ކުރީ އަނބިމީހާ ކަރީނާ ކަޕޫރެވެ. ކަރީނާ އަކީ ހިންދޫ އެކެވެ. އެ ފޮޓޯގައި ސައިފް އާއި އެމީހުންގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާންވެސް އެ ބުދަށް އަޅުކަން ކުރާ ގޮތަށް ހުއްޓިގެން ހުރެ އެވެ.

އަދި ކަރީނާ ވަނީ ތައިމޫރު ކްލޭއިން ތައްޔާރުކޮށްފައިވާ ކަނލާނގެ ތަކެއް ކަމަށްބުނެ ފޮޓޯއެއްވެސް އާންމު ކޮށްފަ އެވެ. އެ ފޮޓޯތަކުން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ސައިފް އަށެވެ. އެއީ އޭނާ މުސްލިމެއް ކަމަށް ބުނާއިރު އެފަދަ އަޅުކަމެއްގައި ހިތާއި ރޫހުން ބައިވެރިވެގެން ހުންނަކަން ފޮޓޯގައި ފެންނާތީ އެވެ.

އިންޑިއާއަކީ ތަފާތު އެކި ދީންތަކުގެ މީހުން ދިރިއުޅޭ ގައުމަކަށްވާތީ އެއް ބަޔަކު އަނެއް ބަޔަކު އަޅުކަން ކުރާ ދީން ތަފާތުވިޔަސް ދީންތަކުގައި ފާހަގަ ކުރާ ދުވަސްތަކުގައި ބައިވެރިވެ އުފާފާޅު ކުރެއެވެ. މިސާލަކަށް ހިންދޫއިން ފާހަގަ ކުރާ ހޯލީ ކުޅުމުގައި މުސްލިމުން ބައިވެރިވާއިރު އީދު ފާހަގަ ކުރަން މުސްލިމުން ހިންގާ ހަރަކާތްތަކުގައި ކްރިސްޓިއަނުންނާއި ހިންދޫ ދީނުގެ މީހުން ބައިވެރިވެ އެވެ.

އެކަމަކު މިފަދަ މީހުންނާއި ސައިފްގެ ތަފާތެއް އޮވެ އެވެ. ގިނަ މީހުން ސައިފަށް ފާޑުކީވެސް އެހެންވެ އެވެ.

ހިންދޫ ދީނުގެ ހުރިހާ މުނާސަބުތަކެއް ކަރީނާ ވަރަށް ކުލަގަދަކޮށް ގޭގައި ފާހަގަކޮށް ދަރިފުޅު ތައިމޫރުވެސް ބައިވެރި ކުރާއިރު ސައިފްވެސް ބައިވެރިވެ އެވެ. އެކަމަކު މުސްލިމުން ފާހަގަ ކުރާ އެއްވެސް ދުވަހެއް ސައިފް ފާހަގަ ނުކުރުމާއި އާއިލާ ލައްވާ އެ ދުވަސްތައް ފާހަގަ ކުރަން ބާރުނޭޅުމަކީ ސައިފަށް ގިނަ ބަޔަކު ފާޑުކިޔަން ޖެހުނު ސަބަބެވެ.

ކުޑަމިނުން އޭނާ މުސްލިމުންގެ އީދު ދުވަސްތަކުގައި މަދު އަހަރަކު ނޫނީ އީދު ތަހުނިޔާވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކިޔާ ކަމަކަށް ނުވެ އެވެ.

ބައެއް މީހުން ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާރުކް ހާން އާއި ސަލްމާން ހާންމެން ފަދަ ތަރިންވެސް ހިންދޫ ދީނުގެ ދުވަސްތައް ފާހަގަ ކުރުމަށްވުރެ ކުލަގަދަކޮށް މުސްލިމުންގެ އީދު ގޭގައި ފާހަގަ ކުރާ ކަމަށް ބުނެ ސައިފަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް