ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 314،000 އަށްވުރެ މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން މިއަދުވަނީ އިތުރު 3400 އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހާފަ އެވެ.
އެހެންކަމުން މި އަދަދާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިވަނީ 314،000 އަށްވުރެ މައްޗަށް އަރާފަ އެވެ.
ބުރާސްފަތި ދުވަހު 3،418 މީހުންވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި 1،206 މީހަކާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 2،212 މީހުން ނެވެ.
އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ބުރާސްފަތި ދުވަހު މާލެ ސަރަޙައްދުން 214 މީހުންނަށް އަތޮޅުތަކުން 644 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.
މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 388،053 އަށް އަރާފަ އެވެ.
މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފަ އެވެ.
މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހަމުން ނެވެ. އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުން ނެވެ.
ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް