ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދިރިއުޅޭ ގޭގެއަށް އިނާމު ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އުސޫލެއް އެކުލަވާލައިފި އެވެ.
އެ އުސޫލު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައި އެވެ. އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އިނާމު ދިނުމުގެ ބޭނުމަކީ އާންމުން ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ހިތްވަރުދީ، އެކަމުގެ އަގު ސަރުކާރުން ވަޒަން ކުރުމެވެ.
މި އިނާމު ދެނީ އަހަރަކު އެއްފަހަރު އެވެ. އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނާމު ލިބޭ ފަރާތެއް ކަނޑައަޅަނީ ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.
އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިން އުޅޭ ގޭބިސީއަކަށް ވުމާއި ގޭބިސީގައި ދިރިއުޅޭ ބަޔަކު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އެއް އަހަރު ވާންޖެހެ އެވެ. އަދި އެ ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބަޔަކު އުޅޭ ތަނެއްކަން އެ މިނިސްޓްރީން ކުރާ ސާވޭއިން ކަނޑައަޅަން ޖެހޭ ކަމަށް އުސޫލުގައިވެ އެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމަށް އާއިލާތަކަށް އެވޯޑެއް ދޭން ނިންމި އިރު ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަކަށް ގަވައިދެއް ހަދައި އަމަލު ކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އޭގެ ބޭނުމަކީ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ ވަކިން ސިނގިރޭޓު ގަނެގެން ކަމަށް ވާތީ އެކަން ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެފައިވެ ެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް