ސަރުކާރާއި އެކު މަޝްވަރާ ކުރާނީ ޖަލު ހުކުމް އިއްވާފައިވާ އަދި ދައުވާ އުފުލާފައިވާ އިދިކޮޅު ފަރާތްތައް މިނިވަން ކުރުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ސަރުކާރުން ހުށެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަޝްވަރާތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބައިވެވޭނެ ކަމަށް ސަރުކާރުން އިދިކޮޅު ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީއަށް ޖަވާބުދިނުމުގެ ގޮތުން އިދިކޮޅު އިއްތިހާދުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރަން ސަރުކާރުން އުޅެނީ އިހްލާސްތެރި ނިޔަތެއްގައި ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނީ ސަރުކާރުން ކުއްލިއަކަށް މަޝްވަރާއަށް ގޮވާލީ ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ފިލުވުމަށް އެހީ ހޯދުމަށް ބޭރުގެ ފަރާތްތަކުގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ހަރަދު ކުރާނެ ބަޖެޓެއް ފާސްކޮށްދީފައި ވަނިކޮށް އެއަށް ބޭނުން ގޮތެއް ހަދާފައިވާ ކަމަށާއި، އެކަމަކު އެ ބަޖެޓުން ކުރި ކަމެއް އިދިކޮޅު ފަރާތްތަކަށް ނޭނގޭ ކަމަށެވެ. އެހެން ކަމުން ބަޖެޓުގައި ހުރި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އިދިކޮޅު ފަރާތްތަކާއި އެކު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.
ފާސްކޮށްދެއްވި ބަޖެޓަށް ސަރުކާރުން ހެއްދެވި ނުހެއްދެވި ގޮތެއް އެނގެން ނެތްއިރު، އެ ބަޖެޓުގައިވާ މަޝްރޫޢުތައް ސަރުކާރުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ކުރަންޖެހޭ މަޝްވަރާއެއް އޮންނާނެ ކަމަކަށް ޕާޓީތަކުން ގަބޫލެއް ނުކުރަން، ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އަމަލު ކުރަމުންދަނީ ގާނޫނު އަސާސީ އާއި މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގައި ކުށް ސާބިތުކޮށް އިދިކޮޅު ލީޑަރުން ޖަލަށް ލާފައިވާއިރު އިދިކޮޅު މަޖިލީސް މެންބަރުންގެ މައްޗަށް ދައުވާ ކުރަމުންދާ ކަމަށެވެ.
އަދި ނުއަގުގައި ބިންތަކާއި ފަޅުރަށްތައް ވިއްކަމުންދާ ކަމަށާއި ކޮރަޕްޝަންގެ ނުރަނގަޅު އާދަ ސަރުކާރު ތެރެއިން ހުއްޓުވުމުގެ ބަދަލުގައި އަށަގަންނުވަމުން ދާކަމަށް ބުނެ އެވެ. ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ނުރައްކާތެރި ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގުކޮށް ބަލައި ފިޔަވަޅު އެޅުއްވުމުގެ ވިސްނުންފުޅު ރައީސް ޔާމީންގެ ކިބައިގައި ހުރި ކަމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލު ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް