ފާރިސްއަށް ކުރާ ދައުވާ ބަދަލުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ބަދަލުކޮށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލައިފި އެވެ. މަޖިލީސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށ...

11 Sep 2017 | 09:19

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ބަދަލުކޮށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލައިފި އެވެ.

މަޖިލީސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށް ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރިތާ މިހާރު ދެ މަސް ވަނީ އެވެ. އެންމެ  ފުރަތަމަ ފުލުހުން ދައުލަތުން އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ ދައުވާ ބަދަލުކޮށް މިހާރު ފާރިސްގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ށ ގެ ދަށުން ކަމަށެވެ. އެ މާއްދާއަކީ ރިޝްވަތު ހުށަހެޅުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ. އެކަމަކު ބަދަލު ގެނައީ މައްސަލަ އަނބުރާ ގެނައުމެއް ނެތި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު މީޑިއަގައި ބުނެފައިވެ އެވެ.

ރިޝްވަތު ދިން ކަމަށް ބުނެ އުފުލި ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލު ކުރި އިރު ފުލުހުން މީގެ ކުރިން ބުނެފައިވަނީ މަޖިލީސް މެންބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށެވެ. އެހެން ކަމަށްވާނަމަ ދައުވާ ބަދަލު ކުރަންޖެހުނު ސަބަބެއް ނޭނގެ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.

ފާރިސްގެ މައްޗަށް ކުރާ އެހެން ދައުވާއެއްވެސް ކޯޓުގައި ކުރިޔަށް އެބަދެ އެވެ. އެއީ ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރި ކަމަށް ބުނެ ކޮށްފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް