ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއެޅެމުންދިޔަ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގެ ބުދުދީނުގެ އަހުލުވެރީންނާއި ސަރުކާރުން ދެމުން އަންނަ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެތައް ލައްކަ ބަޔަކު އެ ގައުމު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައިވާއިރު މިއީ ރޮހިންޖާ މުސްލިމަކު ތަހަންމަލުކުރި ހިތާމައިގެ ވާހަކަ އެވެ. މިއީ ރޮހިންޖާ އަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ރާޝިޔާ އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގެ ތަރުޖަމާ އެވެ.
-------------------------------------------------------
އަހަރެންގެ ނަމަކީ ރާޝިދާ އެވެ. އުމުރަކީ 25 އަހަރެވެ. މީގެ ނުވަ ދުވަސް ކުރިން އަހަރެން އުޅެމުންދިޔައީ ރަކީން ސްޓޭޓްގަ އެވެ. އަހަރެން ދިރިއުޅެމުންދިޔައީ އާދައިގެ ދިރިއުޅުމެކެވެ. އަހަރެމެން އާއިލާގެ ގޮވާން ދަނޑެއް އޮވެ އެވެ. ފިރިމީހާ އާއި ތިން ދަރިންނާއެކު އަހަރެން ދިރިއުޅެމުން ދިޔައީ އަމިއްލަ ގޭގަ އެވެ. ދިރިއުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ.
މިތަނަށް މިއައީ ހުރިހާ އެއްޗެއް ދޫކޮށްލާފަ އެވެ. ގެއާއި ގޮވާމުގެ ދަނޑު އެމީހުން އަންދާލައިފި އެވެ. ކާން ބޯން ފައިސާ ހޯދާނެ ގޮތެއް މިހާރަކު ނެތެވެ.
އަސްކަރިއްޔާއިން އަވަށުތެރެއަށް އަރައިގެން އައިސް ބަޑި ޖަހަން ފެށުމުން ޖަންގަލީގައި އަހަރެންގެ ތިން ދަރީން ފޮރުވީމެވެ. އަނބުރާ ގެއަށް ދިޔައިރު ފެނުނީ މީހުންތައް މަރަމުން ދިޔަ މަންޒަރެވެ.
އެނބުރި ޖަންގައްޔަށްގޮސް ހިނގަމުން ހިނގަމުން ބަންގްލަދޭޝްގެ ބޯޑަރާއި ހަމައަށް މި އާދެވުނީ އަށް ދުވަސް ފަހުންނެވެ. އަހަރެމެން ކިތަންމެހާވެސް ބަނޑުހައިވި އެވެ. ކާން ލިބުނުހާވެސް އެއްޗަކީ ގަސްގަހުގެ ފަތެވެ. ކާއެއްޗެއް ދިނުމަށްއެދި ތިން ދަރީން އާދޭސް ކުރަމުންދިޔަ އެވެ. އެހެނަސް އަވަށުން އަހަރެމެން އެކައްޗެއްވެސް ނުގެންނަމެވެ. ދެމަފިރީންނާއި ތިން ދަރިން އެކަންޏެވެ.
ބޯޑަރު ހުރަސްކުރީ ކުޑަ ބޯޓެއްގަ އެވެ. ބޯޓު އަޑިއަށް ގޮސްދާނެތީ އިންތިހާއަށް ބިރުގަތެވެ. އަހަރެން އެ ބޯޓުގައި އިނީ އަހަރެންގެ ތިން ދަރީންގެ ގައިގާ އޮޅުލައިގެންނެވެ.
ބަންގްލަދޭޝްގައި މިހުރީ އުފަލަކުން ނޫނެވެ. އަވަށުގައި އަހަރެމެން ޖަނަވާރު ގެންގުޅެމެވެ. އެއް އޭކަރުގެ (0.4 ހެކްޓަރު)ގެ ގޮވާން ދަނޑެއް އޮވެ އެވެ. އަމިއްލަ އަވަށުގައި އަމިއްލަ ގެއެއް ހުއްޓެވެ. މިއައީ ހުރިހާ އެއްޗެއް ދޫކޮށްލާފަ އެވެ. އަހަރެން ވާނެ ދެރަ ތިބާއަށް ވިސްނޭނެ އެވެ.
އަހަރެން ގެ މަތިން ވަރަށް ހަންދާންވެ އެވެ. މިތާންގައި އުންމީދެއް ނެތެވެ. އަހަރެމެންގެ މުސްތަގްބަލް މިވަނީ ސުވާލެއްގެ ތެރޭގަ އެވެ.
މިތަނުން އެންމެ އެކަށީގެންވާ އެހީތެރިކަން އަހަރެމެންނަށް ނުލިބެ އެވެ. ނަމަވެސް ފާހަގަކޮށްލާނަމެވެ. ބަންގްލަދޭޝް ރައްޔިތުން އަހަރެމެންނަށް ވަރަށް ހެޔޮކަން ފާހަގަ ކޮށްލަމެވެ. އެމީހުން އަހަރެމެންނަށް ހެދުމާއި ކާނާ ދެ އެވެ. ނަމަވެސް ބައިނަލްއަގްވާމީ އެއްވެސް އެހީތެރި ޖަމާއަތެއް މިތާކުން ނުފެނެ އެވެ.
ދުނިޔެއަށް އަހަރެން މެސެޖެއް ދޭން ބޭނުމެވެ. އަހަރެމެން ބޭނުމީ ސުލްހަ އެވެ. ސުލްހަ ނެތި އަހަރެމެންގެ މުސްތަގްބަލެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް