ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ކަރެކްޝަންސްއިން ގާސިމްގެ އާއިލާއަށް އެންގީ އިއްޔެ އެވެ. އެކަމަކު އެގޮތަށް ޖަވާބުދިންކަން އެ އިދާރާއިން ޔަގީނެއް ނުކޮށްދެ އެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިސަރު މީޑިއާގައި ވިދާޅުވީ ގާސިމްގެ އާއިލާއިން ފޮނުވި ސިޓީގެ ޖަވާބު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ގާސިމްގެ ގާނޫނީ ވަކީލުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ސިންގަޕޫރުގައި ގާސިމް ބައްލަވާ ޑޮކްޓަރު ވިދާޅުވެފައިވަނީ ދަތުރު ކުރެވޭ ވަރަށް ގާސިމްގެ ސިއްހީ ހާލަތު ރަނގަޅުވާނީ ޑިސެމްބަރު މަހު ކަމަށެވެ. ޑޮކްޓަރު ވިދާޅުވެފައިވަނީ ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ “ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް” ކަމަށެވެ.
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އާއިލާގެ ފަރާތުން ކަރެކްޝަންސްއަށް ސިޓީ ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައި މިވަނީ އެތައް ފަހަރަކު އެކަމަށް އެދިފައިވަނިކޮށެވެ. އެންމެ ފަހުން ހުއްދަ ދީފައި މިވަނީ ގާސިމް މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާކަމަށް ކަމަށް ހުކުމް ކުރި އިރު ގާސިމްގެ ޕާސްޕޯޓު ދޫކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.
އެކަމަކު އަމުރުގެ އެބައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް