މިދިޔަ މަހު 30 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންގައި ސޮއި ކުރެއްވި ގާނޫނީ ވަކީލުންތަކެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސަސްޕެންޑުކޮށްފި އެވެ.
ސޮއި ކުރި ވަކީލުންގެ ތެރެއިން ޑީޖޭއޭއިން ސަސްޕެންޑުކޮށްފައިވަނީ 54 ވަކީލެވެކެވެ. އެ ވަކީލުން ސަސްޕެންޑުކޮށް ޑީޖޭއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭ ގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓަށް ވަކީލުން އެއްވެފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ވަކީލުންގެ ފަރާތުން ހުށަހެޅި އެ ޕެޓިޝަންގެ މައްސަލަ އެ ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށެވެ. އަދި ވަކީލުންގެ އެ އަމަލަކީ އަދުލު އިންސާފުގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހްސާސްތަކާއި ކޯޓުތަކުގެ އިޖުރާއުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފަށް ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.
އެ ވަކީލުން ސަސްޕެންޑުކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. ސަސްޕެންޑު ކުރި މަޝްހޫރު ވަކީލުންގެ ތެރޭގައި ހުސްނުއް ސުއޫދު، ހަސަން ލަތީފު، އިމްތިޔާޒު ފަހުމީ، ނާޒިމް އަބްދުއްސައްތާރު، ހިސާން ހުސައިން އަދި މަހުފޫޒު ސައީދުގެ އިތުރުން އަލީޒާހިރު ހިމެނެ އެވެ.
މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި މިހާ ގިނަ ވަކީލުންތަކެއް އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް