ރޮހިންޖާގެ މުސްލިމު ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައިފި – ރެފިއުޖީންގެ ހާލަތު އިންތިހާއަށް ދަށަށް

ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅަށް އަމާޒުކޮށް އެގައުމުގެ ސަރުކާރާއި ސަލާމަތީ ބާރުތަކުން ދެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް ހަނގުރާމަ ފެށި "އަންކާރަން ރޮހިންޖާ ސެލްވޭޝަ...

10 Sep 2017 | 23:20

ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ ދަރިކޮޅަށް އަމާޒުކޮށް އެގައުމުގެ ސަރުކާރާއި ސަލާމަތީ ބާރުތަކުން ދެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް ހަނގުރާމަ ފެށި "އަންކާރަން ރޮހިންޖާ ސެލްވޭޝަން އާމީ" އިން ހަތިޔާރު ބަހައްޓައިފިކަން އިއުލާނު ކޮށް، ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް އެގައުމުގެ ސަރުކާރަށް އެ ގްރޫޕުން ގޮވާލައިފި އެވެ.

މުސްލިމުންގެ ދިފާއުގައި ނިކުތް އެ ގްރޫޕުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "30 ދުވަހުގެ ސުލްހަ އިއުލާނު" ކުރާ ކަމަށާއި ރައްޔިތުން ނިސްބަތްވަނީ ކޮން ނަސްލަކަށްކަން ނުބަލާ އެހީވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. މި ގްރޫޕްގެ މި އިއުލާނާއިމެދު ބަރުމާ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބަރުމާގައި މުސްލިމް މައިނޯރިޓީއަށް ލާއިންސާނީ އަނިޔާތައް ދެމުން އައިތާ އެތައް ގަރުނެއްވެފައިވާއިރު އަނިޔާ ހައްދުފަހަނައަޅާފައިވަނީ މިދިޔަ މަހުގެ 25 އިން ފެށިގެންނެވެ. ބަރުމާގެ ސަލާމަތީ ބާރުތަކުންނާއި ބުދުދީނުގެ އަހުލުވެރީން ރޮހިންޖާގެ މުސްލިމުންނަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތައް އެދުވަހުން ފެށިގެން ހައްދު ފަހަނައަޅާފައިވާއިރު ބަރުމާއިން ބުނަނީ އެ ހަމަލާތައް ދެނީ ބަރުމާގެ ޗެކް ޕޯސްޓަކަށް އޮގަސްޓް 25ގައި ރޮހިންޖާގެ ހަނގުރާމަވެރިން ހަމަލާ ދިނުމުން ކަމަށެވެ.

އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް 400 އަށްވުރެ ގިނަ މުސްލިމުން ކަތިލާފައި ނުވަތަ އަންދައިގެން މަރާފައިވާއިރު ބަރުމާގެ ސަރުކާރުން ބުނެފައިވަނީ މަރާފައިވަނީ ޓެރަރިސްޓުން ކަމަށެވެ.

ރަކީން ސްޓޭޓްގެ ހާލަތު

ބަރުމާގައި ދެމުން އަންނަ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމް ދަރިކޮޅުގެ ރައްޔިތުން އެ ސްޓޭޓް ދޫކޮށް ހިޖުރަ ކުރަން ފަށާފައިވާއިރު އެ ސްޓޭޓަކީ އެއް މިލިޔަން މީހުންގެ އާބާދީއެއް އޮތް ސްޓޭޓެކެވެ. ނަމަވެސް އެ ސްޓޭޓްގައި ގާއިމްވެތިބި ބައެއް ނޫސްވެރިންގެ މީޑިއާ ރިޕޯޓްތަކަށް ނަޒަރު ހިންގާލާއިރު އެ ސްޓޭޓްގެ ގިނަ ގެތަކެއް މިހާރު ވަނީ އަންދާލާފަ އެވެ. ފާޅުގައި މުސްލިމުން ކަތިލުމާއި އެންދުން ކުރިއަށް ގެންދާއިރު އެ ސްޓޭޓްގައި މިހާރު ތިބީ ތާށިވެފައި ނުވަތަ ހިޖުރަ ނުކުރެވިފައިތިބި މަދުބައެއް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ހިޖުރަކުރި މުސްލިމުންގެ ހާލަތު އިންތިހާއަށް ދަށަށް

ގިނަ ބަޔަކު ހިޖުރަ ކުރަމުން އަންނަނީ ރަކީން ސްޓޭޓާއި އިންވެގެން އޮތް ބަންގްލަދޭޝަށެވެ. ކޯރެއް ހުރަސްކޮށް ކޮންމެ ދުވަހަކު އެތައް ލައްކަ ބަޔަކު ހިޖުރަ ކުރަމުން އަންނައިރު ބަންގްލަދޭޝްގެ ބޯޑަރު ސަރަހައްދުގައި އެހީދޭ ޖަމިއްޔާތަކުން ކޭމްޕްތައް ގާއިމް ކޮށްފައިވާއިރު އެ ކޭމްޕްތަކަކީ ކުރީންވެސް ތިން ލައްކައަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ރެފިއުޖީންގެ ގޮތުގައި އުޅެމުންދިޔަ ތަނެއް ކަމުގައިވާއިރު ކޮންމެ ދުވަހަކު ހިޖުރަ ކުރަމުން އަންނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދޭން އެހީދޭ ޖަމާއަތްތައް ވަނީ ނުކުޅެދިފަ އެވެ.

އެ ހާލަތުގައި ފެނާއި ކާބޯ ތަކެއްޗަށް އެއް ބަޔަކު އަނެއް ބަޔަކު ތަޅާފޮޅާ ހިސާބަށް ކަންތައް ގޮސްފައިވާއިރު ކޭމްޕްތަކުގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާކަމަށް ސިއްހަތާއި ބެހޭ އެކްސްޕާޓުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް