ރައީސް ޔާމީން 2018 ގެ ކެމްޕޭނަށް ލީޑަރުން ތައްޔާރުކުރަން ކުރިއަށް ގެންދާ މަހާސިންތާގެ ދެ ވަނަ ބުރުގައި ލާމުއަތޮޅުން 74 ފަރާތަކުން ބައިވެރިވެއްޖެ އެވެ.
މިއީ މަހާސިންތާގެ ދެވަނަ ބުރުގައި އަތޮޅަކުން ބައިވެރިވާ އެންމެ ބޮޑު ޓީމަށްވާއިރު މި ޓީމުން މައުލޫމާތު ދޭގޮތުގައި ޓީމުގައި އެ އަތޮޅުގެ ހުރިހާ ރަށަކުން މެމްބަރުން ހިމެނެ އެވެ.
އެ އަތޮޅުން މަހާސިންތާގައި ބައިވެރިވުމަށް މާލޭ ދަތުރު ކުރި ޓީމުން ދުވަހަށް މައުލޫމާތު ދެމުން ބުނީ އެ އަތޮޅުން މި މަހާސިންތާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކުރަން ނިންމީ އަތޮޅުގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ކޮށްދެއްވަމުން އަންނަ ކަންކަން އުފަލާއެކު ބަލައިގަނެ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ ލާމު އަތޮޅަށް ގެނައުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީން ހޮވަން ލާމު އަތޮޅުގެ ރައްޔިތުން ބޭނުންވާތީ ކަމަށެވެ.
"ޒަމާންތަކެއް ވާންދެން ދެކެމުން އައި ހުވަފެނެއް މިހާރު އަތޮޅުގައި ކުރިއަށްދާ މަގު ޕްރޮޖެކްޓް (ގަން ފޮނަދޫ ލިންކް ރޯޑް) އެއީ، މި ސަރުކާރުން އަތޮޅުގެ އެ ހުވަފެން އެ ދަނީ ހަގީގަތަކަށް ހަދައިދެމުން، އަހަރުމެން މިތިބީ މި ސަރުކާރާއެކު، ރައީސް ޔާމީން އާ އެކު" ލ އަތޮޅުން މަހާސިންތާގައި ބައިވެރިވިވި މެމްބަރަކު މައުލޫމާތު ދެއްވި އެވެ.
މަހާސިންތާގެ ދެ ވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހިސާބަށެވެ. ދެ ދުވަހަށް ކުރިއަށްދާ މަހާސިންތާގައި ގާތްގަނޑަކަށް 450 މީހުން ބައިވެރިވި އެވެ.
މިކަމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ ޕީޕީއެމްގެ ނައިބް ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް