ވާހަކަ: ޑައިރީ – ސާޅީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "މިފްޒާލް ހީކުރަނީ ތިއީ ލޯބިކަމަށްތަ....؟ ތިޔަށް ކިޔަނީ އެހެން ނަމެއް...! އަހަންނާ ނުގުޅާށޭ ބުނީމަ ނުގުޅަ މަޑުން ހުރެބަލަ...!" އައިލީން ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ. "ތެ...

11 Aug 2024 | 05:51

ކުރީގެ އަދަދާއި ގުޅޭ...

"މިފްޒާލް ހީކުރަނީ ތިއީ ލޯބިކަމަށްތަ....؟ ތިޔަށް ކިޔަނީ އެހެން ނަމެއް...! އަހަންނާ ނުގުޅާށޭ ބުނީމަ ނުގުޅަ މަޑުން ހުރެބަލަ...!" އައިލީން ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ.

"ތެދެއް މި ބުނަނީ...! އަހަރެން އައިލިން ދެކެ ލޯބިވާވަރު އައިލީން ނޭނގޭ ކަމަށް ހެދީމަ ބާރުގެ ބޭނުންކުރަން އަހަންނަށް ޖެހޭނީ...! އެފޮޓޯގަނޑު ސޯޝަލް މީޑިއާއަށް ލާންވީތަ...؟ ނުނީ ރާއިފުއަށް ފޮނުވަންވީތަ...؟ އެހެން ނޫނީ އައިލީން ވަރިވެގެން އަހަރެން ކައިރއަށް އަންނާނީތަ...؟ އައިލީން ބޭނުން ގޮތެއް ބުނޭ...! އަހަރެން ބޭނުން މިރޭ މިވަގުތު ޖަވާބު...! އަހަރެން މިހިރީ ޖަވާބުގެ އިންތިޒާރުގައި...!" އާދައިގެ ރާގެއްގައި މިފްޒާލް ބުނެލިއެވެ.

"ޖަވާބަށް އިންތިޒާރުކޮށްކޮށް ހުރޭ...!" އައިލީން ފޯނުގެ އަތްގަނޑު ޖެހިއެވެ.

"ކާކު ފޯނު ކުރީ....؟" އެވަގުތު ފާޚާނާއިން ނުކުތް ރާއިފު ސުވާލުކޮށްލިއެވެ.

"ނޭނގެ ކާކު ކަމެއް...! ހަލޯ ކިޔާކިޔާ ވެސް ވާހަކައެއް ނުދެއްކި...! މިދަންވަރު ދެން ކޮން އުނދަގުލެއް ކުރާކަށް..." އައިލީން ދޮގެއް ހެދިއެވެ.

"ހިނގާ ދެން ނިދަންދަމާ...! މިހާރު ތިނެއް ޖަހަން އެއުޅެނީ...!" އައިލީންގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ.

އައިލީން ގޮސް އެނދުގައި އޮށޯތަސް ނުނިދުނެވެ. އައިލީން ވިސްނަމުން ގެންދިޔައީ މިފްޒާލް ދެއްކި ވާހަކަތަކަށް ޙައްލެއް ހޯދާނެ ގޮތަކާމެދުގައެވެ. ކަންތައް ވެފައިވާ ގޮތުގެ ވާހަކަ ރާއިފު ގާތުގައި ބުނަންވީބާއެވެ...؟ ނޫނީ އެކަން އެހެން ނުކުރުމަށްއެދި ސަލާމްޖެހުމަށާއި، މިފްޒާލް ބޭނުންވާ ކަންކަން މިފްޒާލް އަށް ކޮށްދިނުމަށް އަނެއްކާވެސް މިފްޒާލް ގާތަށް ދާންވީ ބާއެވެ...؟ ރަނގަޅު އެއްގޮތެއްވެސް ނެތެވެ. އެހެން ނަމަވެސް އެކަމާ އަޅާނުލާ ހުރެވޭކަށްވެސް ނެތެވެ. އެންމެ ފަހުން މިފަހަރުވެސް އައިލީން ގަސްދުކުރީ ޚިޔާލެއް ހޯދުމަށްޓަކައި އެކުވެރި ހީނާ އާ މަޝްވަރާ ކުރުމަށެވެ.

"އޭނަ، އެހާ އުނދަގޫ ކުރަންޏާ އަހަންނަށް ފެންނަނީ ދެން ޕޮލިހަށް ތި މައްސަލަ ހުށަހަޅަން..." ހީނާ، އޭނާއަށް ފެންނަ ޚިޔާލެއް ދިނެވެ.

"ކީކޭކިޔާފަ އެކަން ފުލުހުންނަށް ހުށަހަޅާނީ...؟ އަހަރެންގެ ފިރިމީހާއަށް އަހަރެން ބޭވަފާތެރިވެއްޖައިމޭ، އެހެންވެ އެ ކަން ސިއްރުކޮށްދިނުމަށްޓަކާ މިފްޒާލް ޖަލަށްލައިދޭށޭތަ ބުނަންވީ...؟" އެޚިޔާލު އައިލީންއަށް ކަމުނުދާތީ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

"ދެން ތިކަމުގައި ކޮންގޮތެއް އޮތީ...؟" ހީނާ ސުވާލު ކުރިއެވެ.

"މަގޭ ހިތަށްއަރަނީ އާދޭސް ކުރަން މިފްޒާލް ގާތަށް ދިޔުން ކިހިނެތްވާނެބާއޭ...! އިނގޭ އެއީ ރަނގަޅު ގޮތެއް ނޫންކަންވެސް..! އެކަމަކު ނުބައި މަގަކުންލާފަގޮސް ރަނގަޅު މަގަކަށް ވަނުމަށް މަސައްކަތް ކުރެވިދާނެ އެއްނު...! އަބަދު މިހެން ކިހިނެތް އުޅޭނީ...! ރަނގަޅު މަގަކަށް ވަންނަންވެސް އެބަޖެހޭތާ...!" އައިލީން، އައިލީންއަށް ފެންނަގޮތް ހީނާ އާއި ހިއްސާ ކުރިއެވެ. ބުންޏެވެ.

މިކަމާބެހޭ ގޮތުން އައިލީން، ހީނާ އާ މަޝްވަރާ ކުރަން އިންދާ އައިލީންގެ ފޯނު ރިންގވާން ފެށިއެވެ.

"މިހާރުވެސް އެގުޅަނީ މިފްޒާލް...! މިކަމަކުން ސަލާމަތެއް ނުވި ހަމަ...! ވަރަށް ފޫހިވޭ..!" ފޯނަށް ބަލާލަމުން އައިލީން ބުންޏެވެ.

"އަހަރެން ބޭނުން މިފްޒާލް އާ ބައްދަލުކުރަން...! ހަމަ މިހާރު..! ހަމަ މިވަގުތު...! އަހަރެން މީޓް ކުރަން ދާންވީ ތަނެއް ބުނޭ...!" އައިލީން ފޯނުނެގި ގޮތަށް ބުނެލިއެވެ.

"ހިނގާ އެއްކަލަ ގެސްޓްހައުސްއަށް ދަމާ...! މިދުވަސްކޮޅު އެތާނގައި އެއްވެސް މީހަކު ނޫޅޭ....! އަހަރުމެންނަށް މިނިވަންކަމާއެކު ބައްދަލު ކުރެވޭނެ...! އެހެން ކަންކަންވެސް ކުރެވޭނެ...!" އުފާވެރި ރާގަކަށް މިފްޒާލް ބުނެލިއެވެ.

"ކުރީ ދުވަހު ދިޔަ ރެސްޓޯރަންޓަށް ދާނީ...! ޓެން ވަރަކަށް މިނިޓްސް ތެރޭގައި އަހަރެންދާނަން..." އައިލީން ބުނަން ބޭނުންވި ވާހަކަ ބުނުމަށްފަހު މިފްޒާލްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އައިލީން ފޯނު ބޭއްވިއެވެ.

"އައްދެ...! ކުއްލިއަކަށް ކިހިނެތް ތިވީ...؟" އައިލީން، މިފްޒާލް އާ ބައްދަލު ކުރަން ބުނުމުން ހީނާ ސުވާލު ކުރިއެވެ.

"އަހަރެން މިހާރު ބޭނުންވަނީ އޭނައާ ބައްދަލުކޮށްގެންވެސް މިކަމަށް އަވަސް ހައްލެއް ގެންނަން...! މިކަންތައްގަނޑުގެ ތެރޭގައި އަހަންނަކަށް ނޫޅެވޭނެ ދެން...!" ހީނާގެ ސުވާލަށް އައިލީން ޖަވާބު ދިނެވެ.

ވަރަށް އަވަހަށް ތައްޔާރު ވެލައިގެން އައިލީން ދިޔައީ ރެސްޓޯރަންޓަށެވެ. ދުވަސްކޮޅަކަށްފަހު އައިލީން އާ ބައްދަލު ކުރެވޭތީ މިފްޒާލް އިނީ ހިތްއަވަސްވެފައެވެ. އައިލީން ފެންނައިރަށް މިފްޒާލްގެ ހިތް އުފަލުން ފޮޅުނެވެ.

"އިށީނދޭ...! ކޯޗެއް ގެންނަންވީ...! ޖޫސްތަ...؟ ކޮފީތަ...؟" ރެސްޓޯރަންޓް ތެރެއިން ވެއިޓަރެއް ހޯދަމުން މިފްޒާލް އައިލީން ސުވާލުކުރިއެވެ.

މިފްޒާލްގެ މިސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުއްލިއަކަށް އައިލީން ދަބަސް ތެރެއިން ސިޓީއުރައެއް ނަގާ މިފްޒާލްއަށް ދިއްކޮށްލިއެވެ. މިފްޒާލް ހައިރާން ކަމާއެކު އައިލީން އާ ދިމާއަށް ބަލަމުން އެސިޓީއުރައިގައި ހިފިއެވެ.

"މިއީ ކޯއްޗެއް...."؟ ސިޓީއުރައަށް ބަލާލުމަށްފަހު މިފްޒާލް ސުވާލުކުރިއެވެ.

"ތިބަލާބަލަ...! ބެލީމައެއްނު އެނގޭނީ...!" ރުޅިވެރި ރާގަކަށް އައިލީން ޖަވާބު ދިނެވެ.

މިފްޒާލް އެއްޗެއް ނުބުނެ އެސިޓީއުރަ ހުޅުވާލިއެވެ. އޭގައިވަނީ މިފްޒާލް، އައިލީން އަށް ދީފައިވާ އެއްޗެހިތަކެވެ.

"މި ކީއްކުރަން...؟ މިއީ، އަހަރެން އެކި ދުވަސްދުވަހު އައިލީންއަށް ދީފައި ހުރި ގިފްޓެއްނު...! ކީއްކުރަން މި ތިގެނައީ...؟" ޙައިރާން ވެފައިހުރެ މިފްޒާލް ސުވާލުކުރިއެވެ.

"އަހަރެން މިހާރު ބޭނުމެއް ނޫން މިއެއްޗެހި އަހަރެން އަތަކު ބަހައްޓާކަށް...! އެހެންވެ މިގެނައީ...! އަހަރުމެންގެ ދެމީހުންގެ ގުޅުމަކީ މިހާރު ނިމިފައޮތް ގުޅުމެއް..." ދުރު ބަލަހައްޓައިގެން އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

އައިލީންގެ މި ޖުމްލައިން މިފްޒާލްގެ ހިތް ކުދިކުދިވި ކަހަލައެވެ. މިފްޒާލް، އައިލީން އާ ބައްދަލުކުރީ ވަރަށް ފޮނި އުންމީދު ތަކަކާއެކުގައެވެ.

"ކީކޭ...؟ މިއީ ނިމިފައޮތް ގުޅުމެކޭ...! މިގުޅުން ނިމިފައޮތް ކަމަށް ހަމައެކަނި އައިލީންއަށް ބުނެވޭނީ ކިހިނެތް...؟ ތި ބުނާ ގުޅުމެއްގެ އެއްކޮޅުން ހިއްސާވާ ފަރާތަކީ އަހަރެންނޭ...! އައިލީން މިހާރު ލޯބިވަނީ ރާއިފުދެކެއޭ ބުނަން ނުކެރިގެން ތިއުޅެނީ  ކީއްވެގެންތަ...؟" ޒަމާން ތަކަކަށްފަހު ޙަޤީޤީ ކަރުނަ މިފްޒާލްގެ ލޮލަށް ޖަމާވަމުން ދިޔައެވެ.

"އަހަރެން ނޫޅެމޭ އަހަރެން ލޯބިވަނީ ރާއިފު ދެކެއޭ ބުނަން ނުކެރިގެނެއް...! އަޑުއަހާނެ ހިތްވަރު ހުރިއްޔާ އަޑުއަހަންވީ...! ރާއިފު އަކީ އަހަރެންގެ ފިރިމީހާ...! އަހަރެންގެ ފިރިމީހާދެކެ އަހަރެން ވަރަށް ލޯބިވޭ...! ރާއިފުއަށް ބޭވަފާތެރިވާކަށް އަހަރެން މިހާރު ބޭނުމެއް ނޫން... އަޑުއިވިއްޖެތަ...؟" ރުޅިވެރިކަމާއެކު ތަންކޮޅެއް ބާރަށް އައިލީން ބުންޏެވެ.

އައިލީން މިހެން ބުނުމާއެކު ކަރުނަތައް ލޮލަށް ޖަމާވަމުންދިޔަ މިފްޒާލްގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ. އަދި އެވަގުތު އައލީންގެ ކުރިމަތީގައި ރޯން ބޭނުން ނުވާތީ ކަރުނަތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ލޯފުހެލާއިރަށް ކަރުނަ ހިލެމުންދިޔައެވެ.

"އެއްވެސް ގޮތެއް ނޫން...! ތިއީ އެއްވެސް ގޮތެއް ނޫން...! ތިހެން ކަންތައްކުރުމުގެ ޙައްޤެއް އައިލީންއަކަށް ނޯންނާނެ..! މަގޭ ދިރިއުޅުން މިހަލާކުކޮށްލީ އައިލީންއަށްޓަކައި...! އޭގެ ބަދަލުގައި އައިލީން ތި ހަލާކުކޮށްލަނީ މަގޭ ދިރިއުޅުން...!"  މިފްޒާލްވެސް ރުޅިއައިސްގެން ބުންޏެވެ.

މިފްޒާލް ކިތަންމެ ރުޅިއައިސްފައި ހުއްޓަސް އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ކަރުނަތައް ކިތަންމެ ހިފަހައްޓައިގެން އިނަސް ކުއްލިއަކަށް މިފްޒާލްގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެހެން ނަމަވެސް އަންހެނެއްގެ ކުރިމަތީގައި އެވަރަށް ނިކަމެތިވާކަށް މިފްޒާލް ބޭނުމެއް ނުވެއެވެ.

"އަހަރެން އައިލީން ދެކެ ވަރަށް ލޯބިވޭ...! ހެޔޮނުވާނެ އަހަރެން ދޫކޮށްނުލާ...! އަހަންނަށް ތިފަދަ ބޮޑު އަނިޔާއެއްދީފައި ތިގޮތަށް އަހަރެން ދޫކޮށްނުލާ...! ލޯބި ނުވަންޏާ އަހަރުމެން ދެމީހުންގެ ދެމެދުގައި ރަޙްމަތްތެރިކަން ބާއްވަންވެސް ބުނީ އައިލީން އެއްނު...! " މިފްޒާލް އާދޭސްކުރާ ރާގަކަށް ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އަހަންނަށް އިތުރަށް އާދޭސް ނުކުރޭ...! މިފްޒާލްގެ އެއްވެސް އެއްޗެއް މަގޭ އަތުގަ ބާއްވާކަށް މަށެއް ބޭނުމެއް ނޫން..! ރަޙްމަތްރި ކަމޭ މިފްޒާލް ބުނާއިރު މިފްޒާލްއަކަށް އެގޮތަކަށްވެސް ނުހުރެވުނު...! އެހެންވީމާ މިފްޒާލްގެ ރަޙްމަތެރިކަންވެސް މިހާރު އަހަރެން ބޭނުމެއް ނޫން...! މިފްޒާލް ވިސްނަބަލަ...!" އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ކޯޗެއް އަހަރެން ވިސްނަން އޮތީ...؟ ވިސްނަންވީ އައިލީންއޭ... އައިލީން ވިސްނަބަލަ، އަހަރެންގެ އަތުގައޭ މިހާރު ބާރު އޮތީ...! އަހަރެން ބޭނުންގޮތަކަށް މި ކަން ހަމަނުޖެހިއްޖެއްޔާ ހުރިހާ ގެއްލުމެއް ލިބޭނީ ހަމަ އައިލީންއަށް...! ތި ދިރިއުޅުން ރޫޅާލާނަން....! ފަޟީޙަތް ވެސް ކޮށްލާނަން...!" މިފްޒާލް އިންޒާރު ދިނެވެ.

"އަހަރެން މިކަން މިކުރަނީ، އަހަންނަށް މިކަން ކުރެވެންއޮތް ހަމަ އެންމެ ރަނގަޅު ގޮތަށް...! އަހަރެންގެ ހިތް ބުނަނީ މިފްޒާލް އަކަށް ދެނެއް ނުކެރޭނެއޭ އަހަރެން ފަޟީޙަތް ކޮށްލާކަށް...! ތި ހިތުގައި އަހަންނަށްޓަކައި އަދިވެސް ލޯތްބެއް އޮތްކަމަށް ވާނަމަ އަހަންނަށް އެވަރުގެ ދެރައެއް ދޭކަށް ލާހިކެއް ނޫން...! އައިލީން ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ޔަގީންކަމާ އެކުގައެވެ.

"އައިލީން ތި އުޅެނީ އިމޯޝަނަލް ބްލެކްމެއިލެއް ކުރަންތަ...؟ ތިއީ ވަރަށް މޮޅު ގޮތެއް...! ހުރިހާ ލަނޑެއް މަށަށް ލިބުނީމަވެސް މަ ވީ ލޯތްބަށްޓަކާ ހަމަހެވިފައި ހުންނަން...! ކިހާ މާތް ގޮތެއް ތީ...! އައިލީންއަށް އައިލީންގެ ފިރިމީހާގެ ލޯތްބާއި، ދިރިއުޅުމާއި، ދެންހުރި ހުރިހާއެއްޗެއް...! މަށަށް ދެން ކޯޗެއްއޮތީ....؟ އެންމެ ރަނގަޅު، އަހަރެންގެ ސުވާލެއް އެބައޮތް...! ރާއިފު ނެތް ދުވަހަކުން އަހަންނަށް ތި ލޯބި ލިބިދާނެތަ...؟" މިފްޒާލް ވަރަށް ސީރިއަސް ކަމާއެކު ސުވާލުކުރިއެވެ.

އެސުވާލުގެ ޖަވާބާމެދު އައިލީން ވިސްނާލިއެވެ. މިފްޒާލްގެ ޖެއްސުންކުރުންތަކުން ސަލާމަތްވުމަށްޓަކައި، އެކަހަލަ އުންމީދެއް ދިނުމަށްފަހު އޭގެ ސަބަބުން ފަހުން ހިތާމަކުރާކަށް އައިލީން ބޭނުމެއް ނޫނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 13 އޯގަސްޓް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް