ރާއްޖެ ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްމުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިގޮތަށް ރައީސް ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާޙްކުރުމަށް މިއަދު ހަވީރުހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޯ.ސީ.އެމް-އައި.އޭ.އެކްސް ކޭބަލް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ނިޒާމަކާ ރާއްޖެ ސީދާ މިގުޅައިލެވެނީ ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ކޭބަލްއާއެކު އިފްތިތާޙްވެގެން އެދަނީ ޑިޖިޓަލް ދިވެހި ޖީލުގެ ފެށުންކަމުގައި ވިދާޅުވެފައެވެ.
އަދި މިއީ ބައިނަލްއަޤުވާމީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުކަން ވެސްރައީސް ފާހަގަކުރައްވައެވެ.
މީގެ އިތުރަށް، ރައީސް ވިދާޅުވީ މިކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރައްވައި، ކޭބަލް ވިއުގަޔާގުޅުމުން، ޚިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެކަމަށެވެ.
ހަމަ އެއާއެކު ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ޚިދުމަތް ދެވޭނެކަންވެސް އެމަނިކުފާނު ފާހަގަކުރައްވާ ކަމަށް ރައީސްއޮފީހުން ބިނެއެވެ.
މި ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުން ލިބިގެންދާނެ އިތުރު ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުންރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކަށާއި ސެޓެލައިޓް ސްކޫލްތައް ހިންގުންފަދަ ކަންކަންކަމަށް އިތުރުކުރިއެރުން ލިބިގެންދާނެކަމާއި އަދި ޑިޖިޓަލް ޓެކްނޮލޮޖީއާ ފުޅާވެގެންދިއުމަކީ ތިމާވެއްޓަށްވެސް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއްކަން ފާހަގަކުރައްވާފައި ކަމަށްރައީސް އޮފީހުން ބިނެފައިވެއެވެ.
އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫޢަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ،ރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައިމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫޢުއެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. އަދި މި ކޭބަލްސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާ ގުޅައިލެވޭނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް