މާރިޔާ ޕީޕީއެމް އަށް: ސިޔާސީ ގޮތުން ތާއީދު ހޯދޭނީ ހަމަނުޖެހުން ހިންގައިގެނެއް ނޫން

ސިޔާސީ ގޮތުން ތާއީދު ހޯދަންވާނީ ހަމަނުޖެހުން ހިންގައިގެން ނޫން ކަމަށާއި ހަމަހަމަކަމާއެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ލިބެންޖެހޭނެކަމުގައި އިބޫއަސްލަމް އެމްޑީޕީ 2023 ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވ...

11 Aug 2023 | 14:23

ސިޔާސީ ގޮތުން ތާއީދު ހޯދަންވާނީ ހަމަނުޖެހުން ހިންގައިގެން ނޫން ކަމަށާއި ހަމަހަމަކަމާއެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ލިބެންޖެހޭނެކަމުގައި އިބޫއަސްލަމް އެމްޑީޕީ 2023 ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރަނިންމޭޓް ކެމްޕޭނަށް ވަޑައިގަންނަވާ ރަށްރަށުގައި ހަމަޖެހުން ނަގާލުމަށް ޕީޕީއެމްގެ ސަޕޯޓަރުން ހިންގަމުން އަންނަ އަމަލުތައް ކުށްވެރިކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ސަޕޯޓަރުން އިއްޔެ ގއ. ވިލިނގިލީގައި ހިންގި ނުރައްކާތެރި އަމަލުތައް އިބޫއަސްލަމް އެމްޑީޕީ 2023 ކެމްޕޭނު ޓީމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި ރައީސް ސޯލިހް ޖަލްސާއެއްގައި އަލިފާން ރޯކޮށްލި ކޮށްލުންވެސް ހަނދާން އާކޮށް އެކަންވެސް ކުށްވެރި ކުރާކަމަށެވެ.

ރައީސް ސޯލިހް ގދ. މަޑަވެލީގައި ޖަލްސާ ބާއްވަން ތައްޔާރުކުރި މާލަމެއްގައި އަލިފާން ރޯކޮށްލާފައިވާއިރު ގއ. ވިލިނގިއްޔަށް އިއްޔެ ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވެ އަޑުގަދަކޮށް ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުން ހިންގާފައިވެއެވެ. އެކަންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިބޫއަސްލަމްއެމްޑީޕީ2023 ކެމްޕޭނު ޓީމުން ބުނެފައިވަނީ މިފަދަ އަނިޔާވެރި އަމަލުތަކާ ޖެއްސުން ކުރުންތަކުން އެއްފަރާތްވެ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކެމްޕޭނު ކުރުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމްއަށް އެ ޓީމުން ގޮވާލާކަމަށެވެ.

މިކަމާއި ގުޅޭގޮތުން އިބޫ އަސްލަމް ކެމްޕޭން ޓީމުގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ ރެކޯޑް އަދަދަކަށް ކެނޑިޑޭޓުން ކުރިމަތިލާފައިވާ، ކުރިއަށް މި އޮތް އިންތިހާބުގައި ހަމަހަމަކަމާ އަމާންކަމާއެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ދިނުމަށް އަދި އެންޓި ކެމްޕޭނު ކުރުމުގެ ފުރުސަތުވެސް ދޭން ސަރުކާރުން ތައްޔާރަށް އޮތް އިރު އެކަން ކުރުމުގައި ހައްދުން ނެއްޓި އަމަން އަމާންކަން ގެއްލޭ ހިސާބަށް ކަންކަން ގެންގޮސްގެން ނުވާނެ ކަމަށެވެ.

ވިލިނގިލީގައި ޕީޕީއެމްގެ އެކްޓިވިސްޓުން ހިންގި އަމަލުތަކަކީ އެ ޕާޓީގެ ލީޑަޝިޕުން ހިތްވަރު ދީގެން ހިންގި އަމަލުތަކެއްގެ ގޮތުގައި އިބޫ އަސްލަމް އެމްޑީޕީ 2023 ކެމްޕޭނު ޓީމުން ގަބޫލުކުރާކަމަށް އެ ޓީމުން ބުނެފައިވެއެވެ. އަދި ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާ ދައްކައި ހުރިހާ ކެނޑިޑޭޓުންނަށްވެސް ހަމަހަމަ އަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ދިނުމަށްވެސް އެ ޓީމުން ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް